22 ޖުލައި 2020 - 08:44

ބަލިމަޑުކަމުގެ ކުރީކޮޅު ފުލުފުލުން ޕޮޒިޓިވްވަމުން ދިޔައީ، ދިވެހިންނަށް ވުރެ މާ ގިނައިން، ބިދޭސީންނެވެ. އޭޕްރީލް 15ގައި މާލެ އިން ފެނުނު ކޮމިއުނިޓީ ޓްރާންސްމިޝަންގެ ފުރަތަމަ ކޭސްއަކީ ދިވެހި އަންހެނެކެވެ. އެކަމަކު އެ ހިސާބުން ރާއްޖޭގެ ކޮވިޑް-19 ކޭސްތައް ރާސްލާފައި މައްޗަށް އަރައިގެން ދިޔުމުގެ ބޮޑު ބައި އެއީ ބޭރު ގައުމުތަކުގެ މަސައްކަތު މީހުން ޕޮޒިޓިވްވަމުން ދިޔަ އަދަދުތަކެވެ. އެއާ އެކު ބޮޑު ބަންދެއް ގެނެސްގެން ބަލި ފެތުރުން މައިތިރިކުރަން ހަފްތާތަކެއް ނެގި އެވެ. އެކަމަކު ލޮކްޑައުން ލުއިކޮށްލުމުން، ދުވާލަކު ޕޮޒިޓިވްވާ އަދަދު އަނެއްކާވެސް ގިނަވެ، ރާއްޖޭގެ ކޭސްތައް އިއްޔެ 3،000 ހުރަސްކޮށްފި އެވެ.

މިހާރު ފެންނަ ބޮޑު ތަފާތަކީ ކޮވިޑަށް ޕޮޒިޓިވްވާ ބިދޭސީންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ދިވެހިން އިތުރުވަމުންދާ ތަނެވެ. އަދި މި ބަލީގައި މީހުން މަރުވާ ނިސްބަތް މަތިވެއްޖެ އެވެ. މިއީ، އެޗްޕީއޭ އިން ބުނިގޮތުގައި، ގުޅުން ހުރި ދެ ކަމެވެ.

"މިއީ، އަސްލު އަޅުގަނޑު ބޮޑަށް ކަންބޮޑުވާ ކަމަކީ ވެސް،" އެޗްޕީއޭގެ މެޑިކަލް އޮފިސަރު އަދި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވި އެވެ.

"ދިވެހިންގެ ތެރޭގައި ކޭސްތައް ގިނަ ވަންޏާ ހައި ރިސްކު މީހުންނަށް ޖެހޭ ނިސްބަތް ވެސް ގިނަވާނެ. އެހެންވީމަ ހަމަ މަރުވާ ރޭޓު ވެސް މައްޗަށް ދާނެ."

ދިވެހިންނާއި ބިދޭސީންގެ ކޭސްތަކުގެ ފަރަގު ކުޑަވަމުން އައިސް ދިވެހިންގެ ނިސްބަތް މިހާރު ވަނީ 43 ޕަސެންޓަށް އަރައިފަ އެވެ. ބިދޭސީން ޕޮޒިޓިވްވާ މިންވަރު ދާދި އެއްވަރެއްގައި ހިފެހެއްޓިފައި ހުއްޓަސް ދިވެހިން ޕޮޒިޓިވްވާ ރޭޓު ދަނީ މައްޗަށެވެ. ހާއްސަކޮށް ޒުވާނުންގެ ތެރޭގަ އެވެ.
ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ ތެރޭގައި އަބަދުވެސް އެންމެ ގިނައީ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ. ލޮކްޑައުން ތެރޭގައި އެޗްޕީއޭ އިން ބުނަމުން ދިޔައީ ބާޒާރުކުރުން ފަދަ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅެނީ ގިނައިން ޒުވާނުން ކަމަށް ވާތީ އެ ގޮތަށް ދިމާވަނީ ކަމަށެވެ. ބަންދުން ވީއްލި ފަހުން ދިވެހިންގެ ކޭސްތައް އެންމެ ބާރަށް އިތުރުވަމުންދަނީ ވެސް އެ އުމުރުފުރާގެ މީހުންގެ މެދުގަ އެވެ. ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުން ދޫކޮށްލުމުން ވެސް އެންމެ ބޮޑަށް ހަރަކާތްތެރިވެ އުޅޭނީ ޒުވާނުން ކަމަށް ވާތީ އެ ތަފާތު ފެންނާނެ ކަމަށެވެ.
"އެންމެ ބޮޑު ކަމަކީ، އެންމެ ގިނައިން ބޭރަށް ނުކުންނާނީ އެ މީހުން. މަސައްކަތުގައި ވެސް، އެހެން ކަންކަމުގައި ވެސް. އެންޓަޓެއިންމެންޓަށް ވެސް، ރައްޓެހިންނާ އެއްކޮށް ވެސް، ޒުވާނުން އެހެން މީހުންނަށް ވުރެ ގިނައިން ބޭރަށް ދިޔުމުގެ ފުރުސަތު ބޮޑު،" އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި މި އުމުރުފުރާގެ ޕޮޒިޓިވް ދިވެހިންގެ ތެރޭގައި އާއިލާއާ ވަކިން ދިރިއުޅޭ ޒުވާނުން ވެސް ގިނަ އެވެ. އެއީ ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ބަލި ޖެހުން މަދުވާނެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"މީހުން ބަހައްޓާ ގޭގޭގައި ނުވަތަ އެކުގައި ވަޒީފާ އަދާކުރާ މީހުންނާ އެއްކޮށް ދިރިއުޅޭ މީހުން ވެސް އެބަތިބި. އެހެންވީމާ އެއިން ޖެހޭ ކޮންމެ މީހެއްގެ ފަރާތުން އޭނާގެ އާއިލާގެ މީހުންނަށް ބަލި ނުޖެހިދާނެ. އެހެން އުމުރުފުރާތަކުގެ މީހުންނަށް ބޮޑަށް މި ޖެހެނީ އާއިލާގެ ތެރެއަށް ބަލި ވަދެއްޖެއްޔާ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ބަލި ފެތުރެން ފެށި އިރާ އަޅާބަލާ އިރު އަންހެނުންގެ އަދަދު ވެސް މިހާރު ގިނަ އެވެ. އަދި، ހަމައެކަނި ދިވެހިންނަށް ބަލާއިރު، އަންހެނުންގެ ކޭސްތައް އިތުރުވާ ރޭޓު މިހާރު ހުރީ ފިރިހެނުންނާ ދާދި އެއްވަރެއްގަ އެވެ.
"އާއިލާތަކުގެ ތެރެއަށް ބަލި ދިޔައިމަ އަންހެނުންނަށް ވެސް ޖެހޭނެ. އަދި އޭގެ ތެރޭގައި ހިމެނޭނެ ވަޒީފާ އަށް ނުކުންނަ އަންހެނުން ވެސް. އޮފީސްތަކުގައި ވެސް އަންހެނުން ވަރަށް ގިނަވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ނުލާހިކު ފަސޭހަ އިން ގައިން ގަޔަށް އަރާ މި ބަލި މާލެ ތެރޭގައި ފެތުރުނުތާ ކުރީކޮޅު ބިދޭސީންނަށް އެހާ ބޮޑަށް އަސަރު ފޯރި މައިގަނޑު ސަބަބަކީ ދަށް ފެންވަރުގެ ތަންތަނުގައި ވަރަށް ބޮޑަށް ތޮއްޖެހިގެން ދިރިއުޅެން ޖެހުމެވެ. އޭގެ ތެރޭގައި، އެއް ތަނެއްގައި މަސައްކަތްކުރާ މީހުންނާއި އެކި ތަންތަނުގައި މަސައްކަތްކުރާ އެކަމަކު އެއް ތަނެއްގައި ދިރިއުޅޭ މީހުން ވެސް ހިމެނެ އެވެ. ދެވަނަ ސަބަބަކަށް، ޑރ. ނަޒްލާ ފާހަގަކުރެއްވި ގޮތުގައި، ލޮކްޑައުން ތެރޭ ގޭގައި ތިބެގެން ރައްކާތެރިކަން ހޯދި އާއްމު ދިވެހިންގެ ހިދުމަތުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތަށް ނުކުމެ އުޅުނެވެ.
"އެސެންޝަލް ކަންތައްތަކުގެ ތެރޭގައި އޭރު ވަރަށް ގިނަ ބިދޭސީން ވެސް އުޅުނު، އެކި ކަހަލަ ވިޔަފާރިތަކުގައި މަސައްކަތްކުރުމުގައި. މިސާލަކަށް ކާބޯތަކެތި ގެންގޮސްދިނުމާއި ފިހާރަތަކުގަ އާއި ބާޒާރުމަތީގެ ތަންތަނުގައި،" އޭނާ ވިދާޅުވި އެވެ.
އޭރު ދިވެހިން ތިބީ ޒަރޫރީ ބޭނުމަކަށް ފިޔަވައި ބޭރަށް ނުނުކުމެ ގޭގަ އެވެ. އެކަމަކު ލޮކްޑައުން ދޫކޮށްލުމުން ދިވެހިން ބޭރަށް ދާން ފަށައި، ދިވެހިންގެ ކޭސްތައް އިތުރުވެއްޖެ އެވެ. ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްތައް އަނެއްކާވެސް ގިނަވުމާއި ގުޅުމެއް ނެތް ކޭސްތައް އިތުރުވުމުގެ ކަންބޮޑުވުން ވެސް އެޗްޕީއޭ އިން ދަނީ ފާޅުކުރަމުންނެވެ.
މޭ 29ގައި ލޮކްޑައުން އަށް ލުއި ދޭން ފަށައި ބޮޑަށް ކަންކަން ހުޅުވައިލީ ޖޫން 15ގަ އެވެ.
ޕޮޒިޓިވްވާ މީހުންގެ ތެރެއިން މަރުވާ ނިސްބަތް ޖޫން މެދު ތެރޭގައި 0.39 ޕަސެންޓުގައި ހުރެފައި މިހާރު އެ ރޭޓު ވަނީ 0.49 އަށް އަރައިފަ އެވެ.
މިހާތަނަށް މަރުވި 15 މީހުންގެ ތެރޭގައި ހިމެނޭ ފަސް ބިދޭސީންނަކީ އުމުރުގެ ގޮތުން ބަލީގެ ނުރައްކާ ބޮޑު ނޫން ޒުވާނުން ނުވަތަ މެދު އުމުރުގެ މީހުންނެވެ. އެކަމަކު ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އެ މީހުންގެ އެހެން ބަލިތަކެއް ހުރުން އެކަށީގެންވާތީ އެގޮތުން ނުރައްކާ ބޮޑުވެފައި އޮވެދާނެ އެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތު މީހުންނަކީ އެހެން ބައްޔެއްގެ އަލާމާތެއް ކުރިން ފެނިފައި ހުއްޓަސް ފަރުވާ ނުހޯދި ތިބެދާނެ ބަޔަކަށް ވާތީ، އޭނާ ވިދާޅުވީ، އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެއް ބިދޭސީއަކަށް ކޮވިޑް ޖެހުނުކަން އެނގުނީ މަރުވެފައި އޮއްވާ ފެނިގެން ޓެސްޓުކުރުމުންނެވެ. އެހެން މީހަކު ހޮސްޕިޓަލަށް ގެންދިޔަ ތަނުން މަރުވެފައިވެ އެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހަކުރު ބަލީގެ މީހަކު ވެސް ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ހުޅުވައިލި ފަހުން ދިވެހިން ޕޮޒިޓިވްވުން އިތުރުވަމުންދާ އިރު މި މަހު މަރުވެފައި ވަނީ ވެސް ހުސް ދިވެހިންނެވެ. އެ ހަ މީހުންގެ ތެރެއިން ފަސް މީހުންގެ އުމުރު 70 އިން މައްޗެވެ. ދެން މަރުވީ ކެންސަރު ބަލީގެ މީހެކެވެ. އަދި ކުރިން މަރުވި ދިވެހިންނަކީ ވެސް 80 އަހަރުން މަތީގެ މީހުންނެވެ. މަރުވި 42 އަހަރުގެ ދިވެހި މީހާގެ އިތުރުން އުމުރުން ދުވަސްވީ މީހުން ވެސް އުޅުނީ ބޮޑެތި އެހެން ބަލިތަކުގަ އެވެ. އެހެންކަމުން މި އެންމެން ވެސް، ކޮވިޑްގެ ސަބަބުން ހާލު ދެރަވުމުގެ ނުރައްކާ ބޮޑު ކެޓެގަރީތަކަށް ފެތެ އެވެ.
ޑރ. ނަޒްލާ ވިދާޅުވިގޮތުގައި މަރުވާ ރޭޓު މައްޗަށް ދިޔަ ސަބަބެއް ކަމަށް ބެލެވެނީ ދިވެހިންގެ ތެރޭގައި ބަލި ފެތުރުން އިތުރުވުމެވެ. މަސައްކަތަށް ރާއްޖެ އައިސް އުޅޭ ބިދޭސީންނަކީ ޒުވާން އުމުރުގެ މީހުންނަށް ވެފައި ބޮޑެތި ބަލިތައް ހުންނަ މީހުން އޭގެ ތެރޭގައި މަދުވާނެތީ، ބިދޭސީންގެ މެދުގައި ބޮޑަށް ބަލި ފެތުރުނު އިރު، މަރުގެ ނިސްބަތް ދަށްކޮށް ހުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިންނަށް ބޮޑަށް ޖެހޭ އިރު ދިވެހިން މި އުޅެނީ ބޮޑެތި އާއިލާތައް އެކުގައި. ވަރަށް ކުދިކުދި ތަންތަންކޮޅުގައި ވަރަށް ބައިވަރު މީހުން އާއްމުކޮށް އުޅޭނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
"މާނައަކީ ހައި ރިސްކު މީހުން ވެސް އާއިލާ ތެރޭގައި އުޅޭނެއޭ. އެހެންވީމާ ގޭގެ ތެރެއަށް ބަލި ވަދެއްޖެއްޔާ ހައި ރިސްކު މީހުންނަށް ވެސް ޖެހުމުގެ ފުރުސަތު އޮންނާނެ."
އެޗްޕީއޭގެ އަބަދުގެ އިލްތިމާސަކީ އެ ނުރައްކާ ކުޑަކުރަން އިރުޝާދުތަކަށް ބޯލެނބުމެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ދެ މީހަކު ދުރުދުރުގައި އަދި ހުރިހާ ވަގުތަކު މާސްކު ރަނގަޅަށް އަޅައިގެން ތިބި ނަމަ، އެއިން މީހަކު ޕޮޒިޓިވް ވިޔަސް އަނެއް މީހާއަކީ ކޮންޓެކްޓެއް ކަމަކަށް ވެސް ނުބަލާނެ އެވެ؛ މައްސަލަ ދިމާވަނީ ބައެއް މީހުން އެ އިރުޝާދުތަކާ އެއްގޮތަށް ނޫޅޭތީ އެވެ.
މަސް ދަތުރާއި ކޮފީ އަށް ދިޔުމާއި ރައްޓެހިންނާ ދިމާވުމުގެ އާދަތައް ވަރަށް ގިނަކަން މިހާރު ވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވޭތީ އެޗްޕީއޭ އިން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮންޓެކްޓުންގެ ގޮތުގައި ތިބޭ މީހުންނާއި ކޮންޓެކްޓް "ބަބްލްތައް" ގިނަވާ ސަބަބަކީ އެފަދަ އެއްވުންތަކެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އަބަދު ގޭ ބަންދުގައި ނުތިބެވޭނެކަން ބަލައިގަނެ އެޗްޕީއޭ އިން ލޮކްޑައުން ދޫކޮށްލީ އެހާ ބޮޑު ހިފެހެއްޓުމެއް އެހާ ދިގު މުއްދަތަކަށް ދަންމާނުލެވޭނެތީ އެވެ؛ އެކަމަކު އޭގެ މާނައަކީ ކޮވިޑްގެ ކުރީގެ ދިރިއުޅުމަށް އެނބުރި ދާށެކޭ ނޫނެވެ.
"ފިޔަވަޅުތަކަކާ އެއްކޮށް އަޅުގަނޑުމެން މި ހުޅުވާލީ. ކުރީގައި އުޅުނުހާ ގޮތަށް އުޅެން ހުޅުވާލީއެއް ނޫން. އެހެންވީމާ މިހާރު ވެސް އޮފީހަށް ދާ އިރު، ބޭރަށް ނުކުންނަ އިރު، ފިހާރައަކަށް ނުވަތަ އެހެން ތާކަށް ދިޔަޔަސް މާސްކު އެޅުމާއި ގައި ދުރުކުރުން ކަހަލަ ކަންތައްތަކުގައި ހިފަހައްޓައިފިއްޔާ ކޭސްތައް މަދުކުރެވޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.