އައިޖީއެމްއެޗުން އޭއީއެޗް އަށް އޮންލައިން ކޮންސަލްޓަންސީ ދެނީ
އައިޖީއެމްއެޗުން އޭއީއެޗް އަށް އޮންލައިން ކޮންސަލްޓަންސީ ދެނީ

އައިޖީއެމްއެޗުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް އޮންލައިން ކޮންސަލްޓަންސީގެ ހިދުމަތް މިއަދު ފަށައިފި އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ ރަށެއްގައި ހެދި އެންމެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލަށް ވާތީ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކަންކަން ފުރިހަމަކުރުމުގައި އައިޖީއެމްއެޗުން އެހީތެރިވެފައިވާނެ ކަމަށެވެ. އެގޮތުން ހޮސްޕިޓަލް ހުޅުވުމުގެ ތައްޔާރީތަކުގައި ވެސް އައިޖީއެމްއެޗުން އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާނެ ކަމަށް ވިދާޅުވި އެވެ.

"މިދިޔަ އަހަރު ޑިސެމްބަރުން ފެށިގެން މިކަން މި ކުރިއަށްދަނީ، އޭރު އަލަށް ހުޅުވަން ވެގެން އަޅުގަނޑުމެންގެ މުވައްޒަފުން ވާނެ އެ ރަށަށް ގޮސް ތަމްރީންތައް ވެސް ދީފައި. ގާތްގަނޑަކަށް 19 ވަރަކަށް މުވައްޒަފުން މިކަމުގައި އަމަލީގޮތުން ބައިވެރިވި،" ޑރ. ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން އެ މަސައްކަތްތަކަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށެވެ. މި ހާލަތުގެ ގޮތުން ބަލި މީހުން މާލެ ގެނައުމަކީ ވެސް ދަތި ކަމަކަށްވާތީ މިހާރު އެ ނޫން ގޮތަކަށް ހިދުމަތްދޭން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ހާލަތުގައި ދަސްވި އެއްޗެއް އެއީ އަމަލީ ގޮތުން ޑޮކްޓަރު ނެތަސް ހިދުމަތް ދެވިދާނެ ކަން. އެހެންވީމަ އަޅުގަނޑުމެން މިއުޅެނީ ޓެލެ ކޮންސަލްޓަންސީ ފަށައިގެން،" ޑރ. ނަޒީމް ވިދާޅުވި އެވެ.

މިއަދު ފެށި މި ހިދުމަތުގައި އަދި ސީދާ ބަލި މީހާ އޮންލައިންކޮށް ކޮންސަލްޓް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިވަގުތު ކުރިއަށްދަނީ ބައެއް ހާއްސަ ކޭސްތަކާ ގުޅޭގޮތުން ޑޮކްޓަރުންނާ މަޝްވަރާކޮށް އެ ލަފާގެ މަތިން ބަލި މީހުންނަށް ފަރުވާ ދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

"މިސާލަކަށް އަންނާނެ ދެއްތޯ، މާލެ ދާން ރިފާ ކުރާ ކަހަލަ ކޭސްތައް. އަދި އެކަހަލަ ކޭސްތަކަށް ބޮޑަށް މި ބަލަނީ. ޑޮކްޓަރު މެދުވެރިކޮށް ބަލި މީހާގެ ހުރިހާ ކަމެއް ބަލައި އަޅުގަނޑުމެންގެ ލަފާގަ އެ ޑޮކްޓަރުން އަމަލުކުރާނީ،" ޑރ. ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ފުޅާ ކުރާނެ ކަމަށެވެ. އެގޮތުން ކޮވިޑް-19ގެ ހާލަތުން އަރައިގަތުމާއެކު ކުރިއެކޭ އެއްގޮތަށް އައިޖީއެމްއެޗުން އޭއީއެޗްގައި އަމަލީގޮތުން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.

މި ހާލަތުގައި ވެސް މިއީ ފެށުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސީދާ ބަލި މީހާއާ މުއާމަލާތް ކުރެވޭނެ ގޮތަށް ވެސް ކަންކަން ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ. ޑރ. ނަޒީމް ވިދާޅުވީ އައްޑޫ ނޫން ރަށްރަށަށް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރަމުންއަންނަ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން، ސިއްހީ ހިދުމަތްދޭ ތަންތަން ނުރައްކަލަށް ހުށަހެޅިފައިވާތީ މި ހާލަތުގައި ކޮންމެހެން ޖެހޭ މުހިންމު ބޭނުމަކަށް ނޫނީ އެފަދަ ތަންތަނަށް ނުދިއުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ. ބަލި މީހުންނަށް ފަރުވާ ދިނުމަށް މާލޭގެ ގިނަ ކްލިނިކްތަކާއި އައިޖީއެމްއެޗްގެ އިތުރަށް އޭޑީކޭ ހޮސްޕިޓަލުން ވެސް އަންނަނީ އޮންލައިންކޮށް ބަލި މީހުން ބެލުމުގެ ހިދުމަތް ދެމުންނެވެ.