21 ޖުލައި 2020 - 14:53

ބެއިޖިން (ޖުލައި 21) - ޗައިނާ އަށް ދަތުރު ކުރަން ފްލައިޓް ބުކިން ހަދާ މީހުން އެ ގައުމަށް ދަތުރު ކުރެވޭނީ ކޮރޯނާވައިރަހަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުން ކަމަށް ޗައިނާގެ އޭވިއޭޝަން އޮތޯރިޓީން ހަމަޖައްސައިފި އެވެ.
ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ (ސީއޭއޭސީ) އިން މިއަދު ބުނީ ޗައިނާ އަށް ދަތުރު ކުރުމުގެ ފަސް ދުވަސްކުރިން ނިއުކްލެއިކް އެސިޓް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އަދި ޓެސްޓް ހަދަން ޖެހޭނީ އެ ގައުމެއްގައި ހުންނަ ޗައިނާގެ އެމްބަސީން އެޕްރޫވްކޮށްފައިވާ މުއައްސަސާއަކުން ކަމަށް ވެސް ބުނެފައިވެ އެވެ.
ސީއޭއޭސީން ބުނީ ކޮރޯނާވައިރަސް ނެގެޓިވް ޓެސްޓުގެ ނަތީޖާ ނެތް މީހަކު ނަމަ ބޯޓަށް އެރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.
ޗައިނާ އާއި އެހެން ގައުމުތަކާ ދެމެދު ކޮމާޝަން ފްލައިޓް ދަތުރުތައް މިހާރު ފަށާފައިވީ ނަމަވެސް، ޗައިނާގެ އެކި ހިސާބުތަކަށްދާ ނަމަ ކަރަންޓީން ކުރުމުގެ އުސޫލުތައް އަދިވެސް ގެންގުޅެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ވޫހާން ސިޓީން ކޮރޯނާވައިރަސް ފެނުނު ނަމަވެސް އެ ގައުމުން މިހާރު ވަނީ ބަލި ކޮންޓްރޯލް ކޮށްފަ އެވެ.