21 ޖުލައި 2020 - 14:49

މުހިންމު މަސައްކަތްތައް ކުރުމަށް ރާއްޖޭން ބޭރުން ކުރު މުއްދަތަކަށް ބޭރު މީހުން ގެނެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ ހަތަރު މަސް ފަހުން މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައި ވާއިރު ޓޫރިސްޓުންނަށް ދެވޭނީ އެ މީހަކު ބުކިން ހައްދާ ތަނަށް އެކަންޏެވެ. ދެން އަންނަ މީހުން މާލޭގައި ކަރަންޓީނުވާން ޖެހެ އެވެ.
ކޮވިޑް-19 ގެ ތެރޭގައި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ރަށްރަށަށް ދަތުކުރެވޭނެ އުސޫލަށް ބަދަލު ގެނެސް އާންމުކޮށްފައިވާއިރު އޭގައި ބުނެފައިވަނީ މުހިންމު މަސައްކަތްތަކަށް ހާއްސަ ހުއްދައެއްގެ ދަށުން، 14 ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް ރާއްޖޭގައި ތިބެން ހުއްދަ ދޭނެ ކަމަށެވެ.
މި ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ އެ ބަޔަކު ގެންނަ ފަރާތަކުންނެވެ. ރާއްޖެ ގެނައުމުގެ ކުރިން ހުއްދަ ނަގަން ޖެހޭނެ އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމުން އިއުލާންކުރި ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއްދީ ހުޅުވާފައިވާއިރު، އަދިވެސް މާލެއިން ބޭރަށް ރަށްރަށަށް ދިއުމުގެ ހުއްދައެއް ނެތެވެ. ނަމަވެސް އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެހެން ދާން ޖެހޭ މީހުންނަށް އެޗްޕީއޭގެ ހުއްދައާ އެކު ދެވެ އެވެ.
އެންމެ ގިނަވެގެން ފަސް ދުވަހުގެ މުއްދަތަކަށް ރަށްރަށަށް ދާން ހުއްދަދޭއިރު ފުރުމުގެ ކުރިން ހުއްދަ ނަގަން ޖެހެ އެވެ. އަދި ގޮސް އުޅެން ޖެހެނީ ވެސް އާންމުންނާ ވަކިން އެކަހެރިކޮށެވެ. މަސައްކަތަށް ނިކުންނަ އިރު އެޗްޕީއޭ އިން އަންގާ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވެސް އުސޫލުގައި ވެއެވެ.