21 ޖުލައި 2020 - 13:21

ސަސްޕެންޝަންގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަނޑިޔާރު ހަސަން ސަސްޕެންޑްކުރީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައަށް ފަހު، 2014 ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގަައި އޭނާ ހުންނަވައިގެން ރިލްވާން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަން ދެއްކުމަށްޓަކައި ފުލުހުންތަކަކާ ގުޅިގެން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް، މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން މައްސަލަ ބަލަން ފެށުމުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައިވަނީ ފަނޑިޔާރުކަމުން ހަސަން އިސްތިއުފާ ދެއްވީ އެކަމުގައި ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާ ފަދަ ކަމެއް އޮތްތޯ ބެލުމުގެ މައްސަލަ އެ ކޮމިޝަނުން ބެލުމަށް ފަހު، މިއަދު ޖަވާބުދާރީވުމަށް ފުރުސަތު ދީފައި ވަނިކޮށް ކަމަށެވެ. އެހެންވެ، އޭނާ މިއަދުން ފެށިގެން މަގާމުން ވަކިވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފަނޑިޔާރު ހަސަން ހައި ކޯޓަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރު އެވެ. އޭގެކުރިން ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އޭނާ އަދާ ކުރެއްވި އެވެ.
ފަނޑިޔާރު ހަސަންގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެކަމަކު މިހާތަނަށް އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ޖޭއެސްސީން ނާޅަ އެވެ.