މިދިޔަ މަހުގެ ބިލު ދެއްކި މީހުންނަށް ޑިސްކައުންޓަށްވާ ބައި މި މަހުގެ ބިލަށް
މިދިޔަ މަހުގެ ބިލު ދެއްކި މީހުންނަށް ޑިސްކައުންޓަށްވާ ބައި މި މަހުގެ ބިލަށް

މިދިޔަ މަހުގެ ކަރަންޓު ބިލުތައް ރިވައިޒް ކުރުމުގެ ކުރިން ބިލު ދެއްކި ކަސްޓަމަރުންނަށް އެ ބިލުން ޑިސްކައުންޓުގެ ގޮތުގައި ލިބޭ އަދަދު މި މަހުގެ ބިލުން ކަނޑާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން މިދިޔަ މަހުގެ ބިލުތައް ފޮނުވި އިރު އާދަޔާ ހިލާފަށް ބޮޑުވުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ ލޮކްޑައުންގެ ތެރޭގައި ދެމުން އައި 40 ޕަސެންޓުގެ ޑިސްކައުންޓް މިދިޔަ މަހުގެ ބިލުން ވެސް ދީފަ އެވެ.

ކަރަންޓު ބިލުތަކުން ޑިސްކައުންޓު ދޭން ނިންމުމުން އެ ބިލުތައް ސްޓެލްކޯއިން ވަނީ އަލުން ރިވައިޒް ކުރުމަށްފަހު ކަސްޓަމަރުންނަށް ފޮނުވައިފަ އެވެ. ނަމަވެސް އޭގެ ކުރިން ބައެއް ކަސްޓަމަރުން ވަނީ ޑިސްކައުންޓު ނުދެނީސް ފޮނުވި ބިލަށްވާ ފައިސާ ދައްކައިފަ އެވެ. އެހެންކަމުން އެ ކަސްޓަމަރުންގެ މިދިޔަ މަހުގެ ބިލުގެ ޑިސްކައުންޓަށްވާ އަދަދު މި މަހުގެ ބިލުން ކަނޑާނެ ކަމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ "މިހާރު" އަށް ވިދާޅުވި އެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބުން އެ ކުންފުނިން ވަނީ އޭގެ ސަބަބު ދެނެގަތުމަށް ސާވޭއެއް ހަދައިފަ އެވެ. އެ ސާވޭ ދައްކާގޮތުގައި ބޭނުން ކުރަންޖެހޭ މިންވަރަށްވުރެ ގިނައިން ކަރަންޓު ބޭނުން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ހުސައިން ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސައިން ވިދާޅުވީ ބިލުތައް އަލުން ރިވައިޒް ކުރުމުން ވެސް ބިލު ހެދުމުގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި މިހާރު ވެސް ކަސްޓަމަރުން ކަރަންޓު ބޭނުން ކުރާ މިންވަރަށް ބަދަލު ނާންނަކަމަށާއި އޭގެ ސަބަބުން މި މަހުގެ ބިލު ވެސް ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.