ސަލްމާން ޚާން ދަނޑުވެރިކަމުގައި
ސަލްމާން ޚާން ދަނޑުވެރިކަމުގައި

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން އޭނާގެ ޕޭންވޭލް ފާމްހައުސްގައި ހުންނަތާ މިހާރު ފަސް މަހެއްހާ ދުވަސް ވެއްޖެ އެވެ. ކޮވިޑް-19 ހެދި ކުރިމަތިވި ލޮކްޑައުނާ އެކު ފިލްމީ މަސައްކަތްތައް ހުއްޓުމަކަށް އައި ނަމަވެސް، ސަލްމާންގެ އުފެއްދުންތެރިކަމށް އެއްވެސް ބަދަލެއް ނާދެ އެވެ.

ފާމްހައުސްގައި ހުރެގެން އޭނާ ވަނީ ވީޑިއޯ ދެ ލަވައެއް ވެސް އުފައްދައި ގެނެސްދީފަ އެވެ. އޭނާ އެ ދެ ލަވަ ކިޔައި، އެކްޓް ވެސް ކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް ލަވައިގެ ވީޑިއޯ ވެސް ޑައިރެކްޓްކުރީ ސަލްމާނެވެ. ރިޕޯޓްތައް ބުނާގޮތުން ކަލާޒް އިން މި އަހަރުގެ ފަހުކޮޅު ގެނެސްދޭން ނިންމާފައިވާ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ގެ ޕްރޮމޯޝަނަލް މެޓީރިއަލްތައް ވެސް ސަލްމާން ތައްޔާރުކުރާނީ ފާމްހައުސްގަ އެވެ.

އެކަމަކު މި ދުވަސްކޮޅު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންނަނީ ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ ތަނެވެ. ހަނޑޫ އިންދުމާއި ދަނޑުގައި ފަސްގަނޑުޖެހުން ފަދަ ކަންކަން ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ވެސް އިންސްޓަގްރާމްގައި އެބަހުއްޓެވެ.

ސަލްމާނާ އެކު އާއިލާގެ ބައެއް މީހުންނާއި ގާތް ބައެއް ރައްޓެހިން ވެސް އަންނަނީ ފާމްހައުސްގައި ވަގުތު ހޭދަކޮށް، ލޮކްޑައުންގެ ބޭނުން ރަނގަޅަށް ހިފޭތޯ ބަލަމުންނެވެ. ސަލްމާން ޕޯސްޓްކުރި އެއް ފޮޓޯއެއްގައި ދަނޑުވެރިކަންކުރާ މަސައްކަތުގެ އަގުޒަންކުރުމުގެ ގޮތުން ކެޕްޝަނަކަށް "ރެސްޕެކްޓް އޯލް ފާމާޒް" ލިޔެފައިވެ އެވެ.

ދަނޑުވެރިކަން ކުރުމުގައި ވަގުތު ހޭދަކުރަމުން އަންނަ އިރު ސަލްމާންގެ ކުރިއަށް އޮތް ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޝޫޓިންގެ ބާކީ ހުރި މަންޒަރުތަކެއް ނަގަން އަންނަ މަހަށް ތާވަލުކުރި ނަމަވެސް އެކަން މިހާރު ފަސްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމުގެ ބާކީ ހުރި މަންޒަރުތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަން ނިންމާފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެހެންވެ "ރާދޭ" މި އަހަރު ފެނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމު އަންނަ އަހަރުގެ ހާއްސަ ދުވަހަކާ ދިމާކޮށް ރިލީޒްކުރެވޭތޯ މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. ލޮކްޑައުންއާ އެކު އިންޑިއާގެ ސިނަމާތައް ބަންދުކުރަން ނުޖެހުނު ނަމަ "ރާދޭ" އަކީ މިދިޔަ ފިތުރު އީދާ ދިމާކޮށް ޖޫން 22 ގައި ރިލީޒްކުރާނެ ފިލްމެކެވެ.