ޖެރާޑަށް އަބަދުވެސް ލިވަޕޫލުން މަރުހަބާ ކިޔާނެ: ކްލޮޕް
ޖެރާޑަށް އަބަދުވެސް ލިވަޕޫލުން މަރުހަބާ ކިޔާނެ: ކްލޮޕް

ލިވަޕޫލް (އޮކްޓޯބަރު 24) - ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑަށް އެ ޓީމުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލަށް 17 އަހަރު ކުޅެދިނުމަށް ފަހު ޖެރާޑް އެ ކްލަބް ދޫކޮށް އެމްއެލްއެސްގެ އެލްއޭ ގެލެކްސީ އަށް ބަދަލުވީ މިިދިޔަ އަހަރު އެވެ. އުމުރުން 36 އަހަރުގެ ޖެރާޑް ވަނީ ލިވަޕޫލަށް 710 މެޗު ކުޅެދީފަ އެވެ. މި އަންނަ މަހުގެ ނިޔަލަށް ޖެރާޑް އެލްއޭ ގެލެކްސީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ އެވެ.

ޖެރާޑް ވަނީ ގެލެކްސީއާ އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ނިންމައިފަ އެވެ. އަދި ފުޓްބޯޅަ ކުޅުން ހުއްޓާލުމާ މެދު ވެސް ވަކިގޮތެއް އަދި ނުނިންމަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ވެސްޓް ބްރޮމް އަތުން 2-1 އިން ލިވަޕޫލް މޮޅުވި މެޗަށް ފަހު ކްލޮޕް ބުނީ ޖެރާޑަކީ ލިވަޕޫލްގެ ހާއްސަ ކުޅުންތެރިއެއް ކަމަށެވެ.

"ޖެރާޑަށް އަދިވެސް ލިވަޕޫލުން މަރުހަބާ ކިޔާނެ. ކްލަބަށް އެނބުރި އަންނަން ބޭނުންވެއްޖެނަމަ ޖެރާޑް އަހަންނާ ވާހަކަ ދައްކާނެ. އެއީ އެކަން ކުރިއަށްދާނެ ގޮތް. ލިވަޕޫލްގައި ޖެރާޑަށް ޖާގައެއް ނެތް ކަމަށް ބުނުމަކީ ހަގީގަތެއް އޮތް ވާހަކައެއް ނޫން،" ކްލޮޕް ބުންޏެވެ.

ޖެރާޑް ވަނީ މިދިޔަ އަހަރުގެ ވެސް އެމްއެލްއެސް އޮފް ސީޒަނުގައި ފިޓްނަސް ހިފަހައްޓަން ލިވަޕޫލާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. އެ ފަހަރު ލޯން އެއްބަސްވުމެއްގެ ދަށުން ޖެރާޑް ލިވަޕޫލަށް ބަދަލުވާން ވާހަކަތަކެއް ނުދެކެވޭ ކަމަށް ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ކުރީގެ ކުޅުންތެރިއާ މިހާރު ސްކައިސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓް ޖޭމީ ރެޑްނެޕް ބުނީ ލިވަޕޫލްގައި މިހާރު އޮތް ޓީމަށް ސީޒަނުގެ ފަހުކޮޅުގައި ތަޖުރިބާގެ މައްސަލަ ދިމާވުން އެކަށީގެންވާ ކަމަށާއި އެތަން ފޫބެއްދުމަށް ޖެރާޑް ފެންވަރު ކުޅުންތެރިއަކު ލިބިއްޖެނަމަ މިއީ ކާމިޔާބު ސީޒަނަކަށް ހެދޭނެ ކަމަށެވެ.