21 ޖުލައި 2020 - 11:49

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންއާ ޚިލާފު ވެގެން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
މިދިޔަ އޭޕްރީލް 15 ން ފެށިގެން މިދިޔަ މަހުގެ ފަހުކޮޅާ ހަމައަށް މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުންއާ ޚިލާފުވެގެން 582 މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވި އެވެ. އަދި 9،600 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ވެސް ކުރި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ލޮކްޑައުންއާ ޚިލާފުވި މީހުންގެ ތެރެއިން ދައުވާ ކޮށްފައިވާ މީހުންގެ މައްސަލަތައް އަނބުރާ ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހުގައި ހުރި އެފަދަ މައްސަލަތަކުގައި ދައުވާ ނުކުރަން ނިންމައި، ހުރިހާ މައްސަލަތަކެއް ފުލުހުންނަށް އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ. އެކަމަކު ލޮކްޑައުންއާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަން ކަމާބެހޭ އިދާރާތަކުގައި އެދުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައިވާ ގޮތުން، އެގޮތަށް ނިންމީ ލޮކްޑައުންއާ ޚިލާފްވި އެންމެންނަށް ހަމަހަމަ އުސޫލަކުން ފިޔަވަޅު އެޅުމަށާއި ބައެއް މީހުން މާލޭގައި ތާށިވުމުން ލޮކްޑައުންއާ ޚިލާފުވުމަށް މަގްބޫލު ސަބަބުތަކެއް ހުރުމުން ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި، ނިކަމެތިވެފައިވާ ދަނޑިވަޅެއްގައި ޖިނާއީ މައްސަލައެއްގެ ތެރެއިން ކުށުގެ ރެކޯޑެއް އުފަން ކުރުމަކީ މަސްލަހަތެއް އޮތް ކަމެއް ނޫން ކަމަށް ވުމުގެ އިތުރުން ޖިނާއީ މައްސަލަތަކުގައި އަމަލު ކުރަންޖެހޭ މައިގަނޑު ސިޔާސަތު އޮތްގޮތުން މިވަގުތަށް އެންމެ ރަނގަޅީ ޖޫރިމަނާ ހޯދުން ކަމަށްވާތީ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ލޮކްޑައުންއާ ޚިލާފްވާ މީހުން ފުރަތަމަ ފަހަރަށް 1،000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު ދެވަނަ ފަހަރު އެކަން ތަކުރާރުކޮށްފި ނަމަ ހައްޔަރު ކުރެ އެވެ. އެ ޖޫރިމަނާތައް ދައްކަން ޖެހެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.