01 ޖޫން 2016 - 12:59

ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބަލަމުން އައި ތިން ފަނޑިޔާރުންގެ ބެންޗު އުވާލާ، އެކަމާ ގާޒީ އަބްދުލްބާރީ ޔޫސުފް ހަވާލުވެވަޑައިގެން، ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރުގެ މެއި 1 ގައި އިދިކޮޅު ފަރާތްތަކުން ބޮޑު މުޒާހަރާ ބޭއްވިއިރު އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ކުރިން ބަލަމުން ގެންދިޔައީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ގާޒީ އަހުމަދު ރަޝީދު ރިޔާސަތު ބެލެހެއްޓެވި އެ ބެންޗުގައި ދެން ތިއްބެވީ ގާޒީ ސައީދު އިބްރާހިމާއި ގާޒީ އިބްރާހިމް އަލީ އެވެ.
އެކަމަކު މިއަދު އެ މައްސަލައިގެ ހެކިބަސް ނަގަން އަޑުއެހުން ބޭއްވިއިރު މައްސަލަ ބައްލަވަން އިންނެވީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ ބާރީ އެކަންޏެވެ.
އޭނާ ވިދާޅުވިި ގޮތުގައި އެ މައްސަލަ ބަލަން އެކުލަވާލި ބެންޗް މިހާރު ވަނީ އުވާލައި، އެ މައްސަލަ ބެއްލެވުމާ އޭނާ ހަވާލުވެވަަޑައިގެންފަ އެވެ.
ހެކިބަސް ނެގުމަށް ފަހު ގާޒީ ބާރީ ވިދާޅުވީ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު އޮންނާނެ ކަމަށާއި ދެ ފަރާތުން ވެސް އެދުވަހު ޚުލާސާ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ އަޑުއެހުމަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ތިން ވަނަ ހެކިވެރިޔާ ބަލައިނުގަންނަން އެ މައްސަލަ ކުރިން ބެލި ފަނޑިިޔާރުންގެ ބެންޗުން ނިންމާފައި އޮތް ނަމަވެސް އެ ހެކިވެރިިޔާގެ ބަސް ވެސް މިއަދު ވަނީ ނަގައިފަ އެވެ. އެކަމާ ބެހޭ ގޮތުން ދިިފާއީ ވަކީލުން ސުވާލު ކުރުމުން ގާޒީ ބާރީ ވިދާޅުވީ "އެ ހެކި ބަލައިގަތުމަށް ފަހު، ކުރިއަށް ގެންދަން ނިންމީ" ކަމަށެވެ.