40 ކޭޝް އޭޖެންޓުންނާ އެކު ބީއެމްއެލުން ހިދުމަތް ފުޅާކޮށްފި
40 ކޭޝް އޭޖެންޓުންނާ އެކު ބީއެމްއެލުން ހިދުމަތް ފުޅާކޮށްފި

އޭޓީއެމް ނުހުންނަ ރަށްތަކުގައި 40 ކޭޝް އެޖެންޓުންނާ އެކު ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުޅާކޮށްފި އެވެ.

އެގޮތުން މިހާރު މި 40 އެޖެންޓުން މެދުވެރިކޮށް ދުވާލަކު 10،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރުމުގެ އިތުރުން ލޯނަށާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބޭނެ އެވެ. މި އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާ ކުރާއިރު އިތުރު އެއްވެސް ފީއެއް ބޭންކުން ނުނަގާނެ އެވެ.

ބީއެމްއެލުން ކޭޝް އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ދޭން ފެށީ 2014 ވަނަ އަހަރު އެވެ. މިހާތަނަށް 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން ރާއްޖޭގައި ހަރަކާތްތެރިވާއިރު މީގެ ތެރޭގައި އޭޓީިއެމް ހުރި ރަށްތަކުގައި ހަރަކާތްތެރިވާ އެޖެންޓުން ވެސް ހިމެނެ އެވެ. އޭޓީއެމް ހުންނަ ރަށްތަކުގައި ތިބޭ އެޖެންޓުން މެދުވެރިކޮށް ލިބޭނީ މަދު ހިދުމަތްތަކެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓީމް ސޯޔާ ވިދާޅުވީ މި ހިދުމަތަކީ އެ ބޭންކުގެ ޕީއޯއެސް ވިއުގަ މެދުވެރިކޮށް މުޅި ރާއްޖެ އަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އެ ބޭންކުން ކަނޑައަޅާފައިވާ ސްޓެރެޓެޖީގެ ދަށުން ކާމިޔާބުކަމާ އެކު ދެވޭ ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން އޭޓީއެމް ނުހުންނަ ރަށްތަކުގެ ކަސްޓަމަރުންނަށް ވެސް ބޭނުން ވަގުތަކު ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭޓީއެމްއެކޭ އެއްފަދައިން ކަސްޓަަމަރުންނަށް ކޭޝް އޭޖެންޓް ހިދުމަތް ވެސް ބޭނުންކުރެވޭނެ. ބޭންކިން ހިދުމަތް ހޯދުމަށް ބްރާންޗުތަކަށް ނުވަތަ އޭޓީއެމް ސެންޓަރެއް ހުރި ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ހޯދޭނެ،" ޓިމް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭހެން 20 އަތޮޅުގައި 38 ބްރާންޗާއި 58 ސެލްފް ސާވިސް ސެންޓަރުތަކާއި 121 އޭޓީއެމެއް ބީއެމްއެލުން މިހާރު ވަނީ ގާއިމްކޮށްފަ އެވެ. އަދި އެންމެ ޒަމާނީ ފެންވަރުގެ އޮންލައިން ބޭންކިން މެދުވެރިކޮށް ކޮންމެ ވަގުތަކު ވެސް ފައިސާ ޓްރާންސްފާ ކުރުމާއި އެހެނިހެން ހިދުމަތްތައް ވެސް އެ ބޭންކުން އަންނަނީ ފޯރުކޮށްދެމުންނެވެ.