23 އޮކްޓޯބަރ 2016 - 13:11

ބިދޭސީއަކު ރާއްޖޭގައި ހުޅުވާފައިވާ އެކައުންޓަކުން، އެހެން ގައުމެއްގައި ހުރި މީހަކު ފައިސާ ނެގިޔަސް ރެމިޓެންސް ޓެކްސް ދައްކަން ޖެހޭ ގޮތަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.
ކޮމިޝަނާ ޖެނެރަލް ޔަޒީދު މުހައްމަދު ސޮއިކުރައްވައި ނެރުއްވި ޓެކްސް ރޫލިންއެއްގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ހުޅުވާފައިވާ ބޭންކް އެކައުންޓެއްގައި ހުރި ފައިސާ ރާއްޖެ އިން ބޭރުން ނެގިޔަސް، ޖެނުއަރީ 1، 2017 އިން ފެށިިގެން އެއަށް، ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.
އެ ރޫލިން އަށް އަމަލްކުރާނީ ޖެނުއަރީ 1 އިން ފެށިގެން ނަމަވެސް އޭގެ ކުރިން ބޭންކުތަކުން ރެމިޓެންސް ޓެކްސް ނެގޭނެ އޮޓޮމެޓިކް ނުވަތަ މެނުއަލް ނިޒާމެއް ގާއިމްކޮށްފި ނަމަ އެދުވަހަކުން ފެށިގެން ވެސް އެ ޓެކްސް ނަގަން ޖެހެ އެވެ. ބޭރުން ފަައިސާ ނަގާ މުއާމަލާތްތަކުން ޓެކްސް ނުނަގައި ދޫކޮށްލެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރު 31 ކަމަށް ކޮމިޝަނަރުގެ ރޫލިންގައިވެ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖެ އިން ބޭރަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓްގެ ރެމިޓެންސް ޓެކްސްއެއް ނަގަން ވަނީ ފަށައިފަ އެވެ.
ބިދޭސީން އެ މީހުންގެ ގައުމަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ އެޖެންސީއެއް ނުވަތަ ބޭންކެއް މެދުވެރިކޮށް ފައިސާ ފޮނުވި ނަމަވެސް އެ ޓެކްސް ދައްކަން ޖެހެ އެވެ.
ރެމިޓެންސް ޓެކްސް ނަގަން ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ބިދޭސީންގެ މުސާރަ ޖަމާކުރަން ޖެހޭނީ ރާއްޖޭގައި ހިންގާ ބޭންކެއްގެ އެކައުންޓަކަށެވެ. އަދި އެ ގާނޫނާ ހިލާފުވެއްޖެ ނަމަ ވަޒީފާ ދޭ ފަރާތް 50،000ރ. އިން ޖޫރިމަނާކުރުމުގެ ބާރު ލިބެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް ބިދޭސީންނަށް އެކައުންޓް ހުޅުވައިދިނުމުގެ ކަންތައްތައް ބޭންކުތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން ބީއެމްއެލްގައި ރުފިޔާއިން އެކައުންޓް ހުޅުވާ ނަމަ 500ރ. އަދި ޑޮލަރުން ނަމަ 20 ޑޮލަރު ދައްކަން ޖެހެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 63.7 މިލިއަން ޑޮލަރު (982.2 މިލިއަން ރުފިޔާ) އެކި ގައުމުތަކަށް ފޮނުވާފައިވެ އެވެ.