21 ޖުލައި 2020 - 11:31

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ރާއްޖެ އަށް އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ. މިއީ ހިލޭ ދޭ އެއްޗެކެވެ.
އެ ބޭންކުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖަޕާނުން ފަންޑުކޮށްގެން ރާއްޖެ އަށް ފޯރުކޮށްދޭ މި އެހީއަކީ މި ވަގުތު ސަރުކާރަށް ދިމާވާ ދަތިތަކަށް އެހީވުމުގެ ގޮތުން ފޯރުކޮށްދޭ މާލީ އެހީތެރިކަމެއް ކަމަށެވެ. އެގޮތުން މި އެހީގެ ދަށުން މި ވަގުތަށް ބޭނުންވާ ސިއްހީ ސާމާނު ގަތުމަށާއި ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ދަތުރުފަތުރާއި މުސާރައިގެން އިތުރުން، އިތުރު ސިއްހީ އެހީތެރިން ހޯދަން އެހީ ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އޭޑީބީން ވަނީ މިދިޔަ މަހު 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ އެހީ ވެސް ރާއްޖެ އަށް ދީފަ އެވެ. މީގެ ތެރެއިން 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ލޯނު ގޮތުގައި ދީފައިވާއިރު ބާކީ 25 މިލިއަން ޑޮލަރު ދީފައިވަނީ ހިލޭ އެހީގެ ގޮތުގަ އެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން އޭޑީބީގެ މެމްބަރު ގައުމުތަކަށް އެހީތެރިވާން ކަނޑައެޅި 20 ބިލިއަން ޑޮލަރުގެ ޕްރޮގްރާމްގެ ތެރެއިން ރާއްޖެ އަށް ދިން އެހީއެކެވެ.
އޭޑީބީން ދިން މި އެހީއަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ނިޒާމް ގާއިމްކޮށް، ޓެސްޓް ކުރެވޭ މިންވަރު ދުވާލަކު 800 އަށް އިތުރު ކުރުމާ އެކު ފަރުވާ ދޭ އިތުރު ވަސީލަތްތައް ގާއިމްކުރުމަށް ދިން އެހީއެކެވެ. މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް އެހީވާން ސަރުކާރުން ހިންގާ ޕްރޮގްރާމަށް ވެސް އޭގެ ސަބަބުން އެހީ ލިބޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކަށް އެހީވުމުގެ ގޮތުން ދުނިޔޭގެ އެކި މާލީ އިދާރާތަުން މިދިޔަ މަހުގެ ނިޔަލަށް 1.4 ބިލިއަން ރުފިޔާ ވަނީ ފޯރުކޮށްދީފަ އެވެ. މިހާތަނަށް ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ މާލީ އިދާރާތަކުގެ ތެރޭގައި ވޯލްޑް ބޭންކާއި އޭޑީބީ އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޯފިޑް) ހިމެނެ އެވެ.