20 ޖުލައި 2020 - 22:34

ކޮވިޑް-19އަށް ޕޮޒިޓިވްވި ބަޔަކު ދިޔަ މާލޭގެ ތިން މިސްކިތެއް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޕޮޒިޓިވްވި މީހުން ގޮސްފައިވަނީ މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން މިސްކިތާއި މުހައްމަދު އިމާދުއްދީން މިސްކިތުގެ އިތުރުން މަސްޖިދުއްއަފީފުއްދީނަށެވެ.
އެ މިސްކިތްތައް ބަންދުކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން އެ ތަންތަން ހުޅުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ލަފާ ކުރެވޭ ގޮތުގައި މާދަމާ މިސްކިތްތައް ހުޅުވާލާނެ އެވެ.
މިއީ ކޮވިޑް-19 ފެތުރިފައިވާ މާލޭގައި ބަލި ޖެހިފައިވާ ބަޔަކު ގޮސްފައި ވާތީ މިސްކިތްތަކެއް ބަންދުކޮށް ޑިސްއިންފެކްޓް ކުރި ފުރަތަމަ ފަހަރެވެ.
ކޮވިޑް-19އަށް މާލެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުމާއެކު، ލޮކްޑައުންކޮށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި މާލޭގެ މިސްކިތްތައް ވަނީ ބަންދުކޮށްފަ އެވެ. ތިން މަސް ދުވަހުގެ މެދުކެނޑުމަށް ފަހު، މާލޭގައި މިސްކިތްތައް ހުޅުވައި ހުކުރު ނަމާދު ކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ލޮކްޑައުންގެ ލުޔަށް ފަހު ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެެ. މިއަދު ވެސް 33 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.