މިއަދުވެސް 33 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
މިއަދުވެސް 33 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު 33 މީހަކު މިއަދު ޕޮޒިޓިވްވެ، 33 މީހުން ރަނގަޅު ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނި ގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ 23 ދިވެއްސަކާއި ބަންގްލަދޭޝްގެ ހަ މީހަކާއި އިންޑިއާގެ ހަތަރު މީހެކެވެ.

މިއާއެކު، ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2،999 އަށް އަރައިފަ އެވެ. އެކަމަކު އޭގެތެރެއިން 2،369 މީހުން ރަނގަޅުވެ، 15 މީހުން ވަނީ މަރުވެފަ އެވެ.

އެޗްޕީއޭން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 600 މީހެކެވެ. އެ މީހުންގެ ތެރެއިން 475 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށި އިރު އެންމެ ގިނައިން ބަލި ޖެހުނީ ބިދޭސީންނަށް ކަމަށް ވިޔަސް ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ ލޮކްޑައުން އުވާލުމާ އެކު މިހާރު ގިނައިން ބަލި ޖެހެނީ ދިވެހިންނަށެވެ.