20 ޖުލައި 2020 - 19:34

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީގައި އޮތް ބައްޔަށް ޕޮޒިޓިވް މީހަކު އެތަނުން ނެރުމުން ދާނެ ތަނެއް ނެތި އެތަނުގެ ދޮރުމަތީގައި ހުންނަތާ އެތައް އިރެއް ވެފައިވާކަން އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ޒުވާން އެ ފިރިހެން މީހާ، މިއަދު މެންދުރުއްސުރެ ހުރީ އެތަނުގެ ދޮރުމަތީގައި، މަގުމަތީގަ އެވެ. "މިހާރު" ގެ ނޫސްވެރިން ދިޔައިރު ވެސް އެ މީހާ މެޑިކަލް ފެސިލިޓީގެ ދޮރުމަތީގައި، ސާޖިކަލް މާސްކެއް އަޅައިގެން ހުއްޓެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އެ ފަދަ އިތުރު މީހުން ފެސިލިޓީގައި އެބަތިބި ކަމަށާއި އެ މީހުންނަށް ފަރުވާ ދިނުމަށް ތަނުގެ މުވައްޒަފުން ދެކޮޅު ހަދާ މައްސަލަ ފެންމަތިވެފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ. ކޮވިޑް-19 އަށް ފަރުވާ ހޯދާ ޑްރަގް އެޑިކްޓުން މެޑިކަލް ފެސިލިޓީ ނޫން އެހެން ތަނަކަށް ގެންދަން މީގެ ދެތިން ދުވަސްކުރިން މަޝްވަރާކުރިކަން ވެސް ވަނީ އެނގިފަ އެވެ. އެކަމަކު އެ މީހުން ދެން ގެންދާނެ ތަނެއް އަދި ނުނިންމަ އެވެ.
މިކަމާ މައުލޫމާތު ހޯދަން ގުޅުމުން ކަމާބެހޭ އެއްވެސް ފަރާތަކުން ފޯނު ނުނަގާތީ، ރަސްމީ މައުލޫމާތު ސާފެއް ނުވި އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިލިމާލޭން ޕޮޒިޓިވްވި ބިދޭސީއަކު ވެސް ފެސިލިޓީ އަށް ގެންދަންދެން މެންދުރުން ފެށިގެން ރޭގަނޑު ވަންދެން ހުސް ބިމެއްގައި އެކަހެރިކޮށް ބެހެއްޓި މައްސަލައެއް ފެންމަތިވެފައިވެ އެވެ.
ރާއްޖޭން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، 2،300އަށް ވުރެ އިތުރުވެފައިވާއިރު، ލޮކްޑައުންގެ ލުޔަށް ފަހު މާލޭން އެ ބަލި ޖެހޭ ދިވެހިންގެ އަދަދު ދަނީ ގިނަވަމުންނެވެ. އަދި ރަށްރަށުގައި ހޯމް ކަރަންޓީނުގައި ތިބި ބައެއް މީހުން ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.