20 ޖުލައި 2020 - 18:04

ރ. ދުވާފަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން މީހުންނާ ޑައިރެކްޓް ކޮންޓެކްޓުވެގެން ޓެސްޓު ހެދި އެ ރަށުގެ 24 މީހުން ވެސް އެ ބައްޔަށް ނެގެޓިވް ވެއްޖެ އެވެ.
ދުވާފަރުގައި ޕޮޒިޓިވްވީ، ހޯމް ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ކޮވިޑް-19 އަށް ނެގެޓިވްވުމުން ދޫކޮށްލި ބައެކެވެ. ފަހުން ޓެސްޓުތައް ހެދުމުން އެ މީހުންގެ ނަތީޖާ ޕޮޒިޓިވްވުމުން ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
އަދި އެ ރަށުން 52 މީހަކު އެކަހެރިކޮށް، 24 މީހެއްގެ ޓެސްޓު ހެއްދި އެވެ.
ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ ޕޮޒިޓިވްވި މީހުންނާ އެންމެ ބޮޑަށް ދިމާވި އެންމެންގެ ޓެސްޓު ނެގެޓިވްވި ނަމަވެސް އިތުރު 14 ދުވަހަށް އެ މީހުން ކަރަންޓީނުކޮށްފައިވާ ކަމަށެވެ. އަދި 14 ދުވަސް ފަހުން އެ މީހުންގެ އިތުރު ޓެސްޓެއް ހައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިވެސް ރަށް މިއޮތީ ކުރިން އޮތް ހާލަތުގައި. ދެން 14 ދުވަސް ފަހުން އަނެއްކާ ވެސް ހަމަޖެހިލެވޭނީ،" ނަސީރު ވިދާޅުވި އެވެ.
ހޯމް ކަރަންޓީންގައި ތިބި ބައެއް މީހުން އެކި ރަށްރަށުން މިހާރު ދަނީ ޕޮޒިޓިވްވަމުންނެވެ. އެގޮތުން ހދ. ނޮޅިވަރަމާއި އއ. ތޮއްޑު އާއި ކ. ހިންމަފުއްޓާއި ރ. ހުޅުދުއްފާރުން ވަނީ ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެފަ އެވެ. އަދި މާލެ ތެރެއިން ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ވެސް ދަނީ އިތުރުވަަމުންނެވެ. މިހާތަނަށް ރާއްޖޭން 2،966 މީހަކު ޕޮޒިޓިވްވެ އޭގެ ތެރެއިން ގިނަ މީހުން ރަނގަޅުވެ، ބަލި މީހުންގެ ގޮތުގައި ތިބީ 574 މީހެކެވެ.