20 ޖުލައި 2020 - 17:34

ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
ޑިސެމްބަރު، 2016 ގައި ކ. މާފުށީގައި އެކި ދުވަސްމަތިން ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އެރަށު މީހަކު ޖަލަށްލާން އެރަށު ކޯޓުން ހުކުމްކުރީ 2018 ވަނަ އަހަރު އެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ މިންވަރަށް އެ މީހާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ކުއްޖާ ފުލުހުންނަށް ކިޔައިދިން ކިޔައި ދިނުމާއި އެ ކުއްޖާގެ މަންމައަށް ކިޔައިދިން ވާހަކަތަކުގެ އިތުރަށް އެ ކުއްޖާ ދައުވާލިބޭ މީހާ އެއް ކޮޓަރިއެއްގައި ހުރި ފާހާނާއެއްގައި ބަރަހަނާކޮށް ހުއްޓާ އެ ކުއްޖާގެ ދައްތައަކަށް ފެނުނު ކަމަށް ބަޔާން ދީފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެފަދަ ވާހަކައެއް އެ ކުއްޖާ ހަދަހަދައިގެން ދައްކަފާނެ ކަމަށް ބެލެވޭނެ ސަބަބެއް ނެތެވެ. އަދި އެ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން އެ ކުއްޖާއަށް ޖިންސީ އަނިޔާތަކެއް ލިބިފައިވާ ކަމަށް ބަޔާން ކޮށްފައިވާތީ ދައުވާލިބޭ މީހާގެ މައްޗަށް އެ ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ ކުއްޖާ ދައްތަ ތަހުގީގަށް ދިން ބަޔާނާއި ކޯޓުގައި ދިން ހެކިބަސް ތަފާތު ވިޔަސް، ވަށައިގެންވާ ކަންކަމަށް ބަލާއިރު އޭނާ ތަހުގީގަށް ބަޔާން ދިނީ ހަގީގަތާ އެއްގޮތަށް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ތަހުގީގަށް ވަކި ގޮތަކަށް ބަޔާން ދިނީ އެ ކުއްޖާގެ މަންމަ ބުނުމުން ކަމަށް ދައްތަ ކޯޓުގައި ބުންޏަސް، އެ ކުއްޖާގެ މަންމަ އެކަމަށް އިންކާރު ކުރާ ކަމަށާއި އަދި ދައްތަ ތަހުގީގަށް ދިން ބަޔާނުގައި ހުރި ވާހަކަތަކަކީ އެހެން ހެކިތަކުން ބާރު ލިބިދޭ ކަންތައްތަކެއް ކަމަށްވާތީ ދައްތަގެ ތަހުގީގު ބަޔާނަކީ ތެދެއް ކަމަށް ބެލެވޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެ ކުއްޖާގެ ދައްތައަކީ ދައުވާލިބުނު މީހާ އާއި އާއިލީ ގޮތުން ގުޅުންހުރި މީހަކަށް ވާތީ އޭނާ ތަހުގީގަށް ދިން ބަޔާނާ ތަފާތުކޮށް ކޯޓުގައި ހެކިބަސް ދިނީ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އަދި ތަހުގީގަށް ދޭ ބަޔާނާއި ކޯޓުގައި ދޭ ހެކިބަސް ތަފާތުވެއްޖެ ނަމަ، ހެކިބަހާ މެދު ސުވާލު އުފެދިދާނެ ކަމަށާއި އެކަމަކު ހަގީގަތް ކަމަށް ގަބޫލު ކުރެވޭ މިންވަރަށް އޭނާގެ ހެކިބަހުގައި ހުރި ވާހަކަތަކަށް ރިއާޔަތް ކުރުމުގެ އިތުރަށް އެހެން ހެކިތަކުން އެއަށް ބާރު ލިބޭ ނަމަ، އެކަމަށް ރިއާޔަތް ކުރެވިދާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މީހާގެ ޖަލު ހުކުމް ރަނގަޅު ކަމަށް ހުކުމް ކުރެއްވީ އެ މައްސަލަ ހައި ކޯޓުން ބެއްލެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމާއި ފަނޑިޔާރު އަލީ ސަމީރުގެ އަޣުލަބިއްޔަތުންނެވެ.
އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ ދައުވާލިބޭ މީހާ އެ ކުށްކުރި ކަމާ މެދު އެކަށީގެންވާ ޝައްކުތަކެއް އެބަހުރި ކަމަށެވެ.
ކުއްޖާއާ އިންޓަވިއު ކުރުމުން އެ ކުއްޖާ ދީފައިވާ ބަޔާނާއިި އެ ކުއްޖާގެ މަންމަ އާއި ޑޮކްޓަރުގެ ހެކިބަސް ތަފްސީލުކޮށް ހުކުމުގައި ފާހަގަ ކުރެއްވުމަށް ފަހު، ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ އަމަލު ހުރެގެން ނުވާނެ ގޮތަކަށް، ދައުވާލިބޭ މީހާ އެ ކުއްޖާއާ މެދު އަމަލު ކުރިކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އެކަމަކު ޖިިންސީ އަމަލެއް ހިންގި ކަމާ މެދު އެކަށީގެންވާ ޝައްކުތަކެއް ފެންނަން ހުރި ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.
އެ ކުއްޖާ ތަހުގީގަށް ފުރަތަމަ ކިޔައިދިން ކިޔައި ދިނުމުގައި، ޖިންސީ ގުނަވަނެއްގައި އަތްލި ކަމަށް ބުނެފައި ނެތަސް، ތަހުގީގުގެ އިންޓަވިއު މެދުކެނޑުމަށް ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކުރުމުން ފުރަގަސްފަރާތުގައި އަތްލީ ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށާއި އެކަމަކު އެ ކުއްޖާގެ މަންމަގެ ބަޔާނުގައި އެ ވާހަކަ އޮތްގޮތް ތަފާތު ކަމަށް ފަނޑިޔާރު ފާހަގަކުރައްވާފައިވެ އެވެ. އަދި އިންޓަވިއު މެދުކެނޑުމަށް ފަހު އަލުން ފެށުމުން ތަފާތު ގޮތަކަށް ބުނާ ނަމަ، ކުއްޖާގެ ހެކިބަސް އެތެރެ ފުށުން އޮތްގޮތް ނުވަނީ ކަމަށް ބެލެވޭ ކަމަށް ވެސް ފަނޑިޔާރު ނިޔާޒް ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވާ ގޮތުން ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފް ތެދެއް ކަން ވަޒަން ކުރުމުގައި ބަލަން ޖެހޭނީ އެ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައި ދިނުމުގައި ހުންނަ އެއްގޮތް ކަންކަމުގެ މައްޗަށެވެ. އެކަންކަން އެ މައްސަލާގައި ފުރިހަމަ ނުވާތީ، އެ ހުކުމް ދެމެހެއްޓޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.