ގުޅިފަޅު ފްލެޓްގެ ބަދަލު ދޭނީ ދައުވާ ނުކުރެވޭ ގޮތަށް ޝަރުތުކޮށް
ގުޅިފަޅު ފްލެޓްގެ ބަދަލު ދޭނީ ދައުވާ ނުކުރެވޭ ގޮތަށް ޝަރުތުކޮށް

ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންނަށް ބަދަލު ދިނުމަށް އެގްރިމަންޓްތަކުގައި ސޮއިކުރަނީ ބަދަލު ދިނުމަށް ފަހު ދައުވާ ނުކުރެވޭ ގޮތަށް ޝަރުތުކުރުމަށް ފަހުގައި ކަން އެނގިއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު ގުޅިފަޅުން ފްލެޓު ގަތް މީހުންގެ ތެރެއިން 142 މީހަކަށް އަދިވެސް ބޯހިޔާވަހިކަމެއް ނުލިބެ އެވެ. ފްލެޓް ގަތުމަށް އެ އާއިލާތަކުން 50 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ މީހުން އިންވެސްޓް ކުރި އިރު، މި ސަރުކާރުން ވަނީ އެ މީހުންނަށް ހުޅުމާލެ އިން ފްލެޓު ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންނަށް ބަދަލު ދިނުމަށް އެގްރިމަންޓްތަކުގައި މިއަދު ސޮއިކުރަން ފަށާފައިވާއިރު، އޭގައިވާ ގޮތުން ބަދަލު ދެނީ ދެ ގޮތަކަށް ބަހާލައިގެންނެވެ. އެއީ ކުރީގެ ސަރުކާރުން ހުޅުމާލޭގައި އެޅި ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ ފްލެޓެއް ދިނުމަށް ނުވަތަ ސަރުކާރުން އެންމެ އަވަހަށް އިމާރާތްކުރާ ތިން ކޮޓަރީގެ ފްލެޓެއް ދިނުމަށެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައިނފައިސާއިން ދިނުމަށް ނިންމާފައިވަނީ 432،000 ރުފިޔާ އެވެ.

އެގްރީމެންޓުގައި ބުނާގޮތުން، ބަދަލުގެ ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓް ބޭނުންވާ މީހުންނަށް، 2017 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން އަންނަ ޑިސެމްބަރުގެ ނިޔަލަށް އެ ތަނުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 432،000 ރުފިޔާ، ފްލެޓްގެ އަގުން އުނިކުރާނެ އެވެ. ކުލީގެ ގޮތުގައި އެ ފްލެޓްތަކަށް ދައްކަން ޖެހެނީ މަހަކު، 12،000 ރުފިޔާ އެވެ.

ސަރުކާރުން އިމާރާތްކުރާ ތިން ކޮޓަރީގެ ފްލެޓް ބޭނުންވާ މީހުންނަށް ވެސް، ހަމަ އެ އަދަދަށް އަގު އުނިިވާނެ އެވެ.

މީގެ އިތުރުން ގުޅިފަޅުން ފްލެޓް ގަތުމަށް ދެއްކި ފައިސާ، ހިޔާ އަދި ސަރުކާރު ފްލެޓްގެ އަގުން އުނިކުރާނެ އެވެ. އަލަށް ލިބޭ ފްލެޓްގެ އަގަށްވާ ފައިސާ ދެން ދައްކަން ޖެހޭނީ 20 އަހަރަށް ބަހާލައިގެންނެވެ.

އެގްރީމެންޓުގައި ބުނާގޮތުން، ހިޔާ ފްލެޓް އަންނަ ޑިސެމްބަރު މަހުގެ ކުރިން، އަދި ސަރުކާރުން އަޅާ ފްލެޓް އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ފޯރުކޮށް ނުދެއްވިއްޖެ ނަމަ، އެ ފްލެޓް ލިބެންދެން، މަހަކު 12،000 ރުފިޔާ ފްލެޓްގެ އަގުން އުނިކުރާނެ އެވެ.

ސަރުކާރުން ހުށަހަޅާ ދެ ފްލެޓްގެ އަގަށް ވުރެ، ގުޅި ފަޅުން ފްލެޓް ގަންނަން ދެއްކި ފައިސާ އަދި ބަދަލުގެ ގޮތުގައި ސަރުކާރުން ދިން ފައިސާ އިތުރުވާނަމަ، އިތުުރުވާ ފައިސާ ސަރުކާރުން ދޭނެ ކަމަށް ވެސް އެގްރީމެންޓުގައި ބުނެފައިވެ އެވެ.

ގުޅިފަޅުގެ ފްލެޓްތަކަކީ މީހުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައަޅައި ފްލެޓަށް ފައިސާ ދެއްކި، 18 އާއިލާއަކަށް ހުޅުމާލޭން އޭރުން ފްލެޓް ދިނެވެ.

ގުޅިފަޅަކީ ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު ބޭރުގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޑިވެލޮޕްމަންޓް ފަންޑް (ޖީޑީޕީ) އާ ހަވާލުކޮށްގެން ހިއްކި ރަށެކެވެ. އެ ފަޅު ހިއްކުމަށް ފަހު ނަޝީދު ވަނީ މީހުން ދިރިއުޅޭ ތަނަކަށް އެ ރަށް ހަމަޖައްސައިފަ އެވެ.