23 އޮކްޓޯބަރ 2016 - 13:24

ރާއްޖޭގައި ހިންގާ ބައެއް އިންފްރަސްޓްރަކްޗާ މަޝްރޫއުތަކަށް ލޯނު ދިނުމާ ބެހޭ ގޮތުން ސަރުކާރާ އެކު އިނގިރޭސިވިލާތުގެ ކުންފުންޏަކުން ވާހަކަދައްކަން ފަށައިފި އެވެ.
އެކަމަކު އެ ވާހަކަތައް ފެށީ ސަރުކާރުން ހުށަހަޅައިގެން ކަމެއް ނުވަތަ އެ ކުންފުނިން އިސްނަގައިގެން ކަމެއް ނޭނގެ އެވެ.
މަގު ހެދުމާއި ބްރިޖު ފަދަ ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހަމަޖައްސައި ދިނުމާއި ކޮންސަލްޓެންސީގެ ހިދުމަތް ދޭ އެލީޓް ކެޕިޓަލްގެ އިންފޮމޭޝަން ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ކުންފުންޏާއި ގުޅިފައިވާ ދުބާއީގެ ތަބާރަކް އިންވެސްޓްމަންޓް ލިމިޓެޑުން ބައިވެރިވެގެން ރާއްޖެ އާއި ސްރީ ލަންކާ ސަރުކާރާ އެކު އަންނަނީ މަޝްވަރާކުރަމުންނެވެ. އެ މަޝްވަރާތަކަށް ރާއްޖެ އައި ވަފުދުގައި އިސްކޮށް ތިއްބެވީ އެލީޓް ކެޕިޓަލްގެ ރައީސް ޖޯޖް މަތަރާއު އާއި ތަބާރަކްގެ ސީއީއޯ މުހައްމަދު އަހުމަދީ އެވެ.
"އެ މަޝްވަރާތައް ވަރަށް ކާމިޔާބު. މި ފުރުސަތުތަކާ މެދު ވަރަށް ބޮޑަށް ޝައުގުވެރިވެއްޖެ،" އެ ބަޔާނުގައިވެ އެވެ.
އެކަމަކު، ރާއްޖެ އަށް ލޯނު ދޭން މަޝްވަރާ ކުރަނީ ކޮން މަޝްރޫއަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.
އެލީޓް ކެޕިޓަލް އިން ފައިސާ ދެނީ މަދުވެގެން 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ)ގެ މަޝްރޫއުތަކަށެވެ. އެ ގޮތުން، ޑިޒައިން ކުރުމާއި ސާވޭ ހެދުމަށް ދޭ ލޯނު އަނބުރާ ދައްކަން 15 އަހަރު ދުވަސް ދޭއިރު، އަމަލީ މަސައްކަތަށް ދޫކުރާ ލޯނު 30 އަހަރުދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހެ އެވެ. އެކަމަކު، އެ ކުންފުނިން ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް އާއްމުކޮށްފައެއް ނުވެ އެވެ.
އެލީޓް ކެޕިޓަލްއާ ގުޅިފައިވާ ތަބާރަކް އިންވެސްޓްމަންޓުން ވެސް މަޝްރޫއުތަކަށް ފައިސާ ހަމަޖައްސައިދެ އެވެ. އޭގެ އިތުރަށް، ކޮންސަލްޓެންސީ އާއި ފައިސާ ބަލަހައްޓައިދިނުމުގެ ހިދުމަތް ވެސް އެ ކުންފުނިން ފޯރުކޮށްދެ އެވެ.
ރާއްޖޭގައި މީގެ ކުރިން ހިންގާފައި ނުވާ ވަރުގެ ބޮޑެތި އިންފްރަސްޓްރަކްޗާ މަޝްރޫއުތަކެއް ސަރުކާރުން މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި 210 މިލިއަން ޑޮލަރު (3.2 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ހޭދަކޮށްގެން ހިންގާ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓު (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެ އެވެ.
އެ މަޝްރޫއުތައް ހިންގަނީ ޗައިނާ އާއި ސައުދީ އަރަބިއްޔާ އާއި އެ ނޫން ވެސް ތަންތަނުން ލޯނު ނަގައިގެންނެވެ. އެއާޕޯޓު މަޝްރޫއު އަށް އިތުރަށް ބޭނުންވާ ފައިސާ ހޯދަން އެހެން ބައެއް ފަރާތްތަކާ އެކު ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންނެވެ. އެކަމަކު، އެލީޓް ކެޕިޓަލްއާ އެކު ވާހަކަދައްކަނީ އެ ފައިސާ ހަމަޖައްސަން ކަމެއް އަދި ނޭނގެ އެވެ.