20 ޖުލައި 2020 - 14:23

ލަންޑަން (ޖުލައި 20) - ކޮވިޑް-19 ގެ ބަލި މީހުންގެ ތެރޭން އިންޓެންސިވް ކެއާގައި ފަރުވާ ދޭން ޖެހޭ މީހުންނަށް ޕްރޮޓީން ފަރުވާ ދީގެން ހެދި ކްލިނިކަލް ޓްރަޔަލްތަކުގެ ނަތީޖާ ރަނގަޅު ކަމަށް، އެ ފަރުވާ އީޖާދު ކުރި ކުންފުނިން ބުނެފި އެވެ.
ސައުތަމްޓަންގެ ބަޔޯޓެކް ކުންފުންޏެއް ކަމަށްވާ ސިނާއިޖަން އިން ވަނީ، ހަށިގަނޑަށް ވައިރަލް އިންފެކްޝަނެއް ޖެހިއްޖެ ނަމަ އުފައްދާ ޕްރޮޓީނެއް ކަމަށްވާ އިންޓަފެރޮން ބީޓާ، ކޮވިޑް-19 ގެ ބަލި މީހުންނަށް ދީފަ އެވެ. ބަލި މީހުންގެ ފުއްޕާމެއަށް އެ ޕްރޮޓީން ނެބިއުލައިޒާއެއް ބޭނުންކޮށްގެން ސީދާ ފޮނުވުމުން އިމިއުން ރެސްޕޮންސް ރަނގަޅު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ފުރަތަމަ ހޯދުންތަކުން އެނގޭ ގޮތުގައި ވެންޓިލޭޓަރަށް ލާންޖެހޭ ފަދަ ހާލަތުގައި ތިބި ކޮވިޑް-19 ގެ ބަލި މީހުންނަށް އެ ފަރުވާ ދިނުމުން ނަތީޖާ ރަނގަޅެވެ. އަދި އެ ފަރުވާ ދިނުމުން ބަލި މީހުން ހޮސްޕިޓަލުގައި ތިބެން ޖެހޭ މުއްދަތު ތިންބައިކުޅަ އެއްބަޔަށް ކުޑަވާ ކަމަށް ވެސް ސިނާއިޖަން އިން ބުނެފައިވެ އެވެ.
ޓްރަޔަލްގައި އިސްކޮށް އުޅުއްވި ސައެންޓިސްޓެއް ކަމަށްވާ ޓޮމް ވިލްކިންސަން ވިދާޅުވީ ފުޅާ ދާއިރާއެއްގައި ދިރާސާކޮށްގެން މި ފަރުވާ ކާމިޔާބު ވެއްޖެ ނަމަ އެއީ "ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ" ކަމަށެވެ.
ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބައެއް ގައުމުތަކުން މިހާރު އަންނަނީ ރެމްޑެސެވިއާ ބޭނުން ކުރަމުންނެވެ. އެބޯލާ އަށް ފަރުވާ ދިނުމަށް ކެލިފޯނިއާގެ ގިލިއާޑް ސައެންސް ލެބޯޓްރީން އުފެއްދި ބޭސް ބޭނުން ކުރުމުން ކޮވިޑް-19 ގެ ބަލި މީހުން ބަލިން ރަނގަޅުވާ މުއްދަތު 15 ދުވަހުން 11 ދުވަހަށް އަވަސްވެ އެވެ.
ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ވެސް އެކި ގައުމުތަކުން މިހާރު ބާރު ސްޕީޑުގައި އަންނަނީ ކުރަމުންނެވެ.