ރިޝްވަތާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮޮނުވަނީ
ރިޝްވަތާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮޮނުވަނީ

ރިޝްވަތާއި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނި ގޮތުގައި މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އޭނާ ކުރިން ހުރީ ސަސްޕެންޑް ކޮށްފަ އެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ހދ. ހިރިމަރަދޫ ކޯޓުގައި މައްސަލައެއް ނިންމުމުގަ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ މުއާމަލާތްތައް ހިންގާފައިވާ ކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އޭނާއަށް ލިބޭ މުސާރަ އާއި އިނާޔަތުގެ އިތުރަށް އޭނާގެ އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ލިބިފައިވާ ފައިސާ ކަން ސާބިތުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކަށީގެންނުވާ ބަހުރުވައިގެން މުވައްޒަފަކާ މުއާމަލާތުކުރި ކަމަށާއި އަދި އެކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ކަންތައްތަކެއް ކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް އަމަލުތަކެއް ކަމަށްވާތީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މައުސޫމް މަގާމުން ވަކިކުރަން ނިންމިއިރު، އެހެން ބައެއް ފަނޑިޔާރުން ވެސް އެކި މައްސަލަތަކުގައި މަގާމުން ވަކިކުރަން ކުރިން މަޖިލީހަށް ފޮނުވި އެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ މަގާމުން ވަކި ކުރުމުގެ އިސްތިއުފާ ދެއްވައިފަ އެވެ.