20 ޖުލައި 2020 - 14:06

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި އިންޓަނެޓް ބޭންކިންގެ މައުލޫމާތު ހޯދަން ބަޔަކު އީމެއިލް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ބޭންކުން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލްގެ ނަމުގައި ފޮނުވާ މެއިލްގައި އޮންނަނީ މުހިންމު ސެކިއުރިޓީ ޗެކެއް ހެދުމަށް އެ މެއިލްގައި ބުނެފައިވާ ލިންކު މެދުވެރިކޮށް އިންޓަނެޓް ބޭންކިންއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ. އަދި އެ މެއިލް އަކީ ބީއެމްއެލްގެ އޮޕަރޭޝަންސް ޑިވިޝަންގެ އިންޓަނެޓް ބޭންކިން ޔުނިޓުން ފޮނުވާ މެއިލްއެއް ކަމަށް ވެސް ބުނެ އެވެ.
ނަމަވެސް ބީއެމްއެލުން ބުނީ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންއާ ބެހޭ މައުލޫމާތު ހޯދުމަށް މެއިލްގެ ޒަރީއާ އިން އެ ބޭންކުން ނޭދޭނެ ކަމަށެވެ. އެހެންވެ އެފަދަ މެއިލްއެއް ލިބިއްޖެ ނަމަ މެއިލް ފޮނުވި މީހާ ބްލޮކް ކުރުމަށް ފަހު އެ މެއިލް ޑިލީޓްކުރުމަށް އެ ބޭންކުން ވަނީ އެދިފަ އެވެ.
މެއިލްގެ އިތުރުން ފޯނުން ގުޅައިގެން ކާޑުގެ މައުލޫމާތު ހޯދާ މައްސަލަ ވެސް ދޭތެރެދޭތެރެއިން ބޮޑުވެ އެވެ. އެހެންވެ އެގޮތަށް ގުޅައިގެންނާއި މެއިލްގެ ޒަރީއާއިން އެކައުންޓުގެ މައުލޫމާތު ހިއްސާ ނުކުރުމަށް ބީއެމްއެލުން އިލްތިމާސް ކުރެ އެވެ.