ޖިންސީ ގޯނާކުރި ކަމަށް ބުނި މީހުންނަށް ދައުވާ ކުރާނަން: ޓްރަމްޕް
ޖިންސީ ގޯނާކުރި ކަމަށް ބުނި މީހުންނަށް ދައުވާ ކުރާނަން: ޓްރަމްޕް

ނިއު ޔޯކް (އޮކްޓޯބަރު 23) - ރިޔާސީ އިންތިޚާބުގެ އެންމެ މުހިންމު މަރުހަލާ އަށް އެޅިފައި ވަނިކޮށް ޖިންސީ ގޮތުން ގޯނާކުރި ކަމަށް ބުނެ މުޅި ކެމްޕޭން ހަރާބުކޮށްލުމުގެ ބޭނުމުގައި މީޑިއާތަކަށް އަރައިގެން ވާހަކަ ދެއްކި އަންހެނުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާކުރި ކަމަށް ބުނި މީހުންނަށް ދައުވާ ކުރާނަން: ޓްރަމްޕް
ޖިންސީ ގޯނާކުރި ކަމަށް ބުނި މީހުންނަށް ދައުވާ ކުރާނަން: ޓްރަމްޕް

"އަޅުގަނޑުގެ ކެމްޕޭނަށް ގެއްލުން ދިނުމުގެ ބޭނުމުގައި ވާހަކަ ދެއްކި ހުރިހާ އަންހެނުން ވެސް ހަދާފައި ވަނީ ހުސް ދޮގު. އެއީ ހިނގި ކަންތަކެއް ނޫން. އިންތިޚާބު ނިމުމުން މި އެންމެންނަށް ދައުވާ ކުރާނަން،" ޕެންސިލްވޭނިއާގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ތެރޭ ވަނީ ޓްރަމްޕް ޖިންސީ ގޮތުން ގޯނާކުރި ކަމަށް ބުނެ 10 އަންހެނަކު ވާހަކަ ދައްކައިފަ އެވެ. ޓްރަމްޕުގެ އަގު ވައްޓާލަން މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބުނި ނަމަވެސް އެގޮތަށް ކަންތައް ކޮށްފައެއް ނުވެ އެވެ. ނިއު ޔޯކް ޓައިމްސް އިން ފެތުރި ޚަބަރުތަކަކާ ގުޅިގެން ވެސް އެ ނޫހާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެ ގޮތަށް ކަންތައް ކޮށްފައެއް ނުވެ އެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވީ އޭނާއާ ދެކޮޅަށް ޖިންސީ ތުހުމަތުތަކެއް ކޮށްގެން އަންހެނުންތަކެއް ލައްވާ ވާހަކަ ދެއްކުމުގެ ފަހަތުގައި ވަނީ ހިލަރީގެ ކެމްޕޭން ޓީމު ކަމަށެވެ.

ޓްރަމްޕްގެ މި ތުހުމަތުތަކާ ގުޅިގެން ކެމްޕޭން ދަތުރެއްގައި މަތިންދާ ބޯޓުގައި ދަތުރުކުރި ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ ޓްރަމްޕު ދައްކަވާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.