ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފުރަތަމަ ކެޓަރެކްޓް އޮޕަރޭޝަން ކާމިޔާބު
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފުރަތަމަ ކެޓަރެކްޓް އޮޕަރޭޝަން ކާމިޔާބު

ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް "ކެޓަރެކްޓް" އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.

ކެޓަރެކްޓަކީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ލޮލަށް ލިބޭ ގެއްލުމެއްގެ ސަބަބުން ނުވަތަ "ގްލޮކޯމާ" ބަލީގެ ސަބަބުން ލޮލަށް ޖެހޭ ބައްޔެކެވެ. މި ބަލީގެ ސަބަބުން ލޯ ފުސްވެ ލޮލުގެ ފެނުން ދަށްވެ އެވެ. އެހެންކަމުން ކެޓަރެކްޓު އޮޕަރޭޝަނަކީ މި ބަލި ޖެހިފައިވާ މީހުންގެ ގުދުރަތީ ލެންސް ބަދަލުކުރުމަށް ކުރާ އޮޕަރޭޝަނެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އޮޕްތޮމޮލޮޖީ ޑިޕާޓްމަންޓުން ކުރި 66 އަހަރުގެ މީހާގެ އޮޕަރޭޝަނުގައި ބައިވެރިވެފައިވަނީ އެ ހޮސްޕިޓަލުގެ ލޮލުގެ ހާއްސަ ޑޮކްޓަރު ޑރ. އަދިތިޔާ ރޭގޭ އާއި އޭނާގެ ޓީމެވެ. ޑރ. ރޭގޭ އަކީ ކެޓަރެކްޓް ސާޖަރީގެ އިތުރުން "ޓައިރީޖިއަމް ސާޖަރީ" އާއި "ފަކައިމޮލްސިފިކޭޝަން" އާއި "ކަލޭޒިއަން ސާޖަރީ" އާއި ހަކުރު ބަލީގެ ސަބަބުން ލޮލަށް ޖެހޭ ބަލިތަކުގެ އިތުރުން ގްލޮކޯމާ ބަލިތަކުގެ ހާއްސަ ޑޮކްޓަރެކެވެ.

ޑރ. ރޭގޭ ވިދާޅުވި ގޮތުގައި ކެޓަރެކްޓު ޖެހިފައިވާ މީހާ އެ ހޮސްޕިޓަލަށް ދިޔައީ ދެ މަސް ކުރިން ލޮލަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ. އަދި މި އޮޕަރޭޝަނަށް ފަހު ލޮލުގެ ފެނުމަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮޕްތޮމޮލޮޖީ ޑިޕާޓަމަންޓުގައި ހަރަކާތްތެރިވަނީ އެ ދާއިރާ އިން ތަމްރީން ލިބިފައިވާ ތަޖުރިބާކާރު ޑޮކްޓަރުންނެވެ. އެ ޑިޕާޓްމަންޓުން ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންނަށް ވެސް ފަރުވާ ދެ އެވެ.