ކޮވިޑް-19 އަށް އިތުރު 36 މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19 އަށް އިތުރު 36 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު 36 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ، އިއްޔެގެ ހަވީރު 6 ން މިއަދު ހަވީރު 6 އާ ހަމައަށް އަލަށް ޕޮޒިޓިވްވީ 29 ދިވެއްސަކާއި ބަންގްލަދޭޝްގެ ފަސް މީހަކާއި އިންޑިއާގެ ދެ މީހަކު ކަމަށެވެ.

މި މީހުންނާ އެކު، ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2،966 އަށް އެރީ އެވެ. ނަމަވެސް 2،362 މީހުން ރަނގަޅުވެ، 15 މީހުން ވަނީ މަރުވެފަ އެވެ. އެހެންވެ، މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 574 މީހެކެވެ. އެ މީހުންގެ ތެރެއިން 468 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ. މިއަދުގެ ހިސާބުތަކަށް ބަލާއިރު، ކަރަންޓީން ފެސިލިޓީތަކުގައި އެކަކު ވެސް ނެތެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އިއުލާންކުރި ލޮކްޑައުން ލުއި ކުރަން ފެށުމުން ކޮވިޑް ފެތުރެމުންދާ މިންވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ އިއްޔެ ބުނެފަ އެވެ. އެއްވެސް ގުޅުމެއް ނެތް ކޭސްތައް އިތުރުވެފައިވާ ކަމަށާއި ފްލޫ ކްލިނިކަށް ދައްކާއިރު، ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.