އޭޓީ އެންޑް ޓީއިން ޓައިމް ވާނާ ކުންފުނި 85 ބިލިއަން ޑޮލަރަށް ގަންނަނީ
އޭޓީ އެންޑް ޓީއިން ޓައިމް ވާނާ ކުންފުނި 85 ބިލިއަން ޑޮލަރަށް ގަންނަނީ

ނިއު ޔޯކް (އޮކްޓޯބަރު 23) - އެމެރިކާގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނި، އޭޓީ އެންޑް ޓީ އިން ޓައިމް ވާނާ ކުންފުނި 85 ބިލިއަން ޑޮލަރަށް ގަންނަން ނިންމައިފި އެވެ.

މިއީ މި އަހަރުގެ ތެރޭގައި ދުނިޔޭގައި ހެދި އެންމެ ބޮޑު ވިޔަފާރީގެ މުއާމަލާތެވެ. އެ މުއާމަލާތް ކުރިޔަށް ގެންދިއުމުގެ ހުއްދަ ކަމާ ބެހޭ ފަރާތްތަކުން ދީފި ނަމަ ކޭބަލް ޓީވީ ޗެނަލްތައް ކަމަށްވާ އެޗްބީއޯ އާއި ސީއެންއެން އަދި ފިލްމު އުފައްދާ ކުންފުނި ވާނާ ބްރޯސް، އޭޓީ އެންޑް ޓީ އިން ކޮންޓްރޯލްކުރާނެ އެވެ.

ޑަލަސްގައި މައި މަރުކަޒު ހުންނަ އޭޓީ އެންޑް ޓީ އިން ޓައިމް ވާނާ ގަންނަނީ ހިއްސާއަކަށް 107.50 ޑޮލަރުގެ ރޭޓުންނެވެ. ޓައިމް ވާނާއަށް ދައްކަން ޖެހޭ ފައިސާގެ އެއްބައި ނަގުދު ފައިސާ އިން ދައްކާއިރު ބާކީ ދައްކަން ނިންމާފައި ވަނީ ހިއްސާގެ ބާޒާރު މެދުވެރިކޮށް ކަމަށް އޭޓީ އެންޑް ޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނެފައި ވަނީ ޓައިމް ވާނާ ކުންފުނި ގަތުމުގެ ހުރިހާ މަރުހަލާއެއް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އޭޓީ އެންޑް ޓީ އިން ބުނީ އެ މުއާމަލާތް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މުރާޖައާކުރާނެ ކަމަށެވެ. އަދި އެ ކުންފުންޏަށް ޓައިމް ވާނާ ކުންފުނި ވިއްކާލާ ނަމަ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަންގެ ލައިސަންސް ހޯދަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ދަނީ އޭޓީ އެންޑް ޓީގެ މުއާމަލާތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޭބަލް ޓީވީގެ ހިދުމަތް ދޭ ކޮމްކާސްޓުން، އެންބީސީ ޔުނިވާސަލް 30 ބިލިއަން ޑޮލަރަށް ގަތުމުން ވެސް އެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަޕް ވިދާޅުވެފައި ވަނީ އޭނާ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ އޭޓީ އެންޑް ޓީގެ މުއާމަލާތް ހުއްޓުވާނެ ކަމަށެވެ.

އެމެރިކާގައި މޮބައިލް ފޯނާއި ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ އޭޓީ އެންޑް ޓީ ކުންފުނިން ވަނީ ސެޓެލައިޓް ޓީވީގެ ހިދުމަތް ދޭ ޑައިރެކް ޓީވީ މިދިޔަ އަހަރު 48.5 ބިލިއަން ޑޮލަރަށް ގަނެފަ އެވެ.