19 ޖުލައި 2020 - 15:17

ހޮން ކޮން (ޖުލައި 19) - ހޮން ކޮންގުގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލުން ނެއްޓިއްޖެ ކަމަށް ޗީފް އެގްޒެކެޓިވް ކެރީ ލަމް ވިދާޅުވެއްޖެ އެވެ.
ޗައިނާގައި ކޮރޯނާވައިރަސް ފެތުރެން ފެށި ދުވަސްވަރު ހޮން ކޮންގުން ވެސް އެ ބަލި ފެނުނު ނަމަވެސް ފަހުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. ނަމަވެސް ފަހަކަށް އައިސް އާ ކޭސްތައް ފެންނަން ފަށައި މިއަދު އެކަނިވެސް ވަނީ 108 ކޭސް ފެނިފަ އެވެ. ހޮން ކޮންގުން މިހާރު ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސޯޝަލް ޑިސްޓެންސިންގެ އުސޫލު ހަރުދަނާކޮށްފަ އެވެ.
"ހޮން ކޮންގުގެ ހާލަތު މިހާރު ވަރަށް ނާޒުކް. ބަލި ފެތުރުން ކޮންޓްރޯލް ކުރެވިދާނެ ކަމަށް އަދި ބެލެވޭކަށް ނެތް،" ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަމުން ލަމް ވިދާޅުވި އެވެ.
އާ ކޭސްތަކާ އެކު ހޮން ކޮންގުގައި އާއްމުން ބޭރުގައި އުޅޭ އިރު މާސްކް އެޅުން މިހާރު ވަނީ މަޖްބޫރުކޮށްފަ އެވެ. އަދި ކޮންމެހެން އޮފީސްތަކަށް ދާން ނުޖެހޭ ސިވިލް ސާވިސް މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް ވަނީ އަންގައިފަ އެވެ.
އާ ކްލަސްޓާތައް ފެންނަން ފެށުމާ އެކު، ހޮން ކޮންގުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ނުރައްކާ ބޮޑު ކެޓަރީތަކުގެ މީހުންގެ ޓެސްޓްކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ޓެކްސީ ޑްރައިވަރުންނާއި ރެސްޓޯރެންޓްތަކުގައި މަސައްކަތް ކުރާ މީހުން ހިމެނެ އެވެ. އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ކެއާ ހޯމެއްގައި ވައިރަސް ފެތުރެން ފެށުމުން ސިއްހީ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހޮން ކޮންގުން ކޮރޯނާވައިރަހަށް ވަނީ 1,778 މީހުން ޕޮޒިޓިވްވެ 12 މީހުން މަރުވެފަ އެވެ.