19 ޖުލައި 2020 - 14:46

ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލާގައި ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދުދީދީގެ މައްޗަށް ކުރި އެއް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށް، އޭނާގެ މައްޗަށް ކުރި ޚިޔާނާތުގެ ދައުވާ ދަށު ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 2014 ވަނަ އަހަރު 72 މީހެއްގެ އަތުން 5.6 މިލިއަން ރުފިޔާ ނެގުމަށް ފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލާގައި ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުސްތަފާގެ މަައްޗަށް ދައުލަތުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން 2018 ގައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުނުވާ ކަމަށް ނިންމައި، އަދި ޚިޔާނާތްތެރިވުމުގެ ދައުވާ ބޭރުކޮށްލައިފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ މުސްތަފާގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމި ނިންމުމަށް ތާއީދުކޮށްފަ އެވެ. ސަބަބެއްގެ ގޮތުގައި ހަައި ކޯޓުގެ ހުކުމުގައިވަނީ އޭރު އަމަލުކުރި ގާނޫނުލް އުގޫބާތުގައި މަކަރާއި ހީލަތް ހެދުމަކީ ޓެކުމަށް ނުވާ ގޮތުން އަނެކަކަށް ހަގީގަތް އޮޅުވާލައިގެން ފައިދާއެއް ހޯދުމަށްޓަކައި ކުރާ ކަންކަން ކަމަށް ވާއިރު، އޭނާގެ އަމަލު މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ތެރެއަށް ވަންނަ ގޮތެއް ދައުލަތަށް ބަޔާންކޮށް ނުދެވުމެވެ.
އެކަމަކު ޚިޔާނާތްތެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އެ ދައުވާ ބާތިލްކުރީ އެ މައްސަލާގައި ކުރި ތަހުގީގަކީ ބާތިލް ތަހުގީގެއް ކަމަށް ކަނޑައެޅުމަށް ފަހު ކަމަށާއި އެކަމަކު ޚިޔާނާތުގެ އުންސުރުތައް ފުރިހަމަ ވޭތޯ އެ މައްސަލާގައި ދަށު ކޯޓުން ބަލާފައި ނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އެހެންވެ، ހައި ކޯޓުން އެންގީ މުސްތަފާގެ މައްޗަށް ކުރި ޚިޔާނާތްތެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުން އަލުން ބެލުމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި އެ މައްސަލާގެ ތަހުގީގަކީ ބާތިލް ތަހުގީގެއް ކަމަށް ކަނޑައަޅާފައިވަނީ ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުންގެ ބަހެއް ހޯދުމެއް ނެތި މުސްތަފާގެ މައްޗަށް އެކަނި ތަހުގީގު ހިންގައި، ދައުވާ ކޮށްފައި އޮތުމުން އެއީ ފުރިހަމަ ތަހުގީގެއް ނޫން ކަމަށް ބުނެ އެވެ.
އެ ނުކުތާއާ ގުޅޭގޮތުން ހައި ކޯޓުގެ ހުކުމުގައިވަނީ ޖިނާއީ ތަހުގީގު ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ކަށަވަރު ކުރުމާއި ދައުވާ ކުރުމާއި ނުކުރުމުގެ ބާރު އޮތީ ޕްރޮސެކިއުޓާ ޖެނެރަލަށް ކަމަށާއި ކޯޓުތަކުގެ ޒިންމާ އަކީ ދައުވާ އުފުލުމުން އެއާ މެދު ގޮތެއް ކަނޑައެޅުން ކަމަށެވެ. އަދި ތަހުގީގުތަކާ ގުޅޭ ގޮތުން ކޯޓުތަކުން ހަމައެކަނި ބަލަން ޖެހޭނީ ގާނޫނުތަކާއިި ގަވާއިދުތަކުގައި ހުރި އިޖްރާއާތުތަކުން ބޭރުން ކަމެއް ކުރިތޯ ނުވަތަ ނޫންތޯ އެކަނި ކަމަށާއި ވަކި މީހަކާ ތަހުގީގުގައި ސުވާލު ނުކުރެވި އޮތުމަކީ އެ ތަހުގީގެއް ބާތިލް ކުރަންޖެހޭ ސަބަބެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
"ވަކި މީހަކާ ސުވާލު ނުކޮށް އޮތުމަކީ ނުވަތަ ވަކި ލިޔުމެއް ތަހުގީގުގެ ތެރެއިން ނުބެލި އޮތުމަކީ އެކަމުގެ މައްޗަށް ބަލައި، މުޅި ތަހުގީގަކީ ބާތިލް ތަހުގީގެއް ކަމުގައި ކަނޑައަޅައި، އެކަމުގެ މައްޗަށް ބަލައި މުޅި ދައުވާ އަކީ ވެސް ބާތިލް ދައުވާއެއް ކަމަށް ކަނޑައެޅިދާނެ ސަބަބެއް ކަމުގައި ނުބެލެވެ އެވެ. ކޯޓުގެ ޒިންމާއަކީ ހުށަހެޅިފައިވާ ލިޔުންތަކާއި ހެކިތަކަށް ބަލައި، މައްސަލައާ މެދު ގޮތެއް ނިންމުމެވެ." ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ގިނަ ބަޔަކަށް ތުހުމަތު ކުރެވޭ މައްސަލާގަައި ވަކި މީހަކަށް ދައުވާ ކުރުމަށް ފަހު ދެން ތިބި މީހުންނަށް ދައުވާ ނުކުރުމަކީ މުޅި ދައުވާ ގޯސް ކަމަށް ބެލެވޭނެ ސަބަބެއް ނޫނެވެ. އަދި ދައުވާ ކުރާނީ ކޮން ބަޔަކަށް ނިންމުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާއެއް ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
އެ ހުކުމުގައި ބުނެފައިވާ ގޮތުގައި މައްސަލައާ ގުޅޭ ލިޔުންތައް ފުލުހުންގެ ތަހުގީގު ހޯދުމުގެ އިތުރަށް ތުހުމަތު ކުރެވޭ އެންމެންގެ ބަޔާން ނަގައި އަދި ހައްޖަށް ދާން ފައިސާ ދެއްކި ފަރާތްތަކުގެ ބަޔާން ވެސް ފުލުހުން ހޯދި އެވެ. އަދި ތަހުގީގު ހިންގުމުގައި ގާނޫނުތަކާ ނުވަތަ ގަވާއިދުތަކާ ޚިލާފަށް އިޖްރާއީ ގޮތުން ފުލުހުން ކުރި ކަމެއް ދަށު ކޯޓަށް ދެއްކިފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އަޣުލަބިއްޔަތުން އެގޮތަށް ހުކުމް ކުރިޔަސް، ދެން އިންނެވި ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަކީ އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ޝަހީދު ނެންގެވީ އެ މައްސަލާގެ އިސްތިއުނާފް މުއްދަތު ހަމަވުމުން މަގްބޫލު ސަބަބެއް އޮތް ކަމަށް ބަލައި، ޚާއްސަ ހުއްދައެއްގެ ދަށުން އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ދިނުމުން ވެސް ދިގު މުއްދަތެއް އެ މައްސަލަ ހުށަހެޅުމަށް ހޭދަވުމެވެ. އިސްތިއުނާފަށް ހުުށަހެޅުމުގެ ހުއްދަ ފެބްރުއަރީ، 2019 ގައި ދައުލަތަށް ދިނުމުން އެ މައްސަލަ ހުށަހެޅީ ޖޫން، 2019 ގައި ކަމަށްވާތީ އެކަށީގެެންނުވާ ދިގު މުއްދަތެއް އެކަމަށް ހިނގާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ވަކި ވަގުތެއް ނުވަތަ އިމެއް ނެތި، ކޮންމެ ވަގުތަކު މައްސަލަތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު ދިނުމަކީ ޝަރީއަތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަން ހުޅުވޭ ފުރުސަތެއް ކަމަށާއި އެހެންވެ، އެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.
ފަތުހު ޖަމާއަތަށް ފައިސާ ދެއްކި މީހުންނަށް ހައްޖަށް ނުދެވުމުން ފަހުން އެ މީހުން ހައްޖަށް ގެންގޮސް ދިނީ ސަރުކާރުގެ ޚަރަދުގަ އެވެ.