19 ޖުލައި 2020 - 13:31

ރާއްޖޭން ބޭރުން މާލެ އަންނަ މަސައްކަތު މީހުންނާއި ދިވެހިން ގޭގައި 14 ދުވަހު ކަރަންޓީން ވުން މަޖުބޫރުކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލު ބަދަލުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައިފައިވާއިރު އަންގާރަ ދުވަހު އެޗްޕީއޭ އިން އާއްމު ކުރި އުސޫލުގައި ބުނަނީ ބޭރުން އަންނަ ދިވެހީންނާއި މަސައްކަތު މީހުން އެކަހެރިވެ ތިބުމަކީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރުން މުހިންމު ކަމެއް ކަމަށެވެ. އޭރު އުސޫލު ބުނާ ގޮތުން މަޖުބޫރެއް ނޫނެވެ.
އެ އުސޫލު އިއްޔެ އެޗްޕީއޭ އިން އިސްލާހު ކޮށްފައިވާއިރު، ބުނެފައި ވަނީ ރާއްޖޭން ބޭރުން އައިސް މާލޭގައި ތިބޭ ދިވެހިންނާއި މަސައްކަތް ކުރަން އަންނަ މީހުންނާއި އެ މީހާގެ އާއިލާ މީހުން ވެސް ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ.
އެ މީހުން 14 ދުވަހު ކަރަންޓީންވެ ތިބެން ޖެހޭނީ އެ މީހުން އަމިއްލަ އަށް ކަނޑައަޅާ ތަނެއްގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށި ދުވަސްވަރު ބޭރުން އަންނަ މީހުން ކަރަންޓީން ކުރަމުން އައީ ރިސޯޓްތަކުގަ އެވެ. މީހުން އެހެން ރަށަކަށް ގެންގޮސްދެނީ ކަރަންޓީންގެ މުއްދަތު ހަމަވެ، ކޮވިޑް-19 އަށް ނެގެޓިވް ވުމުންނެވެ.
އެޗްޕީއޭ އިން މިއަދު އާންމު ކުރި އުސޫލުގައި ބުނެފައިވަނީ ގޭގައި 14 ދުވަހު ކަރަންޓީން ކުރާ މީހާ ބޭރު ތެރެއަށް ނުކުމެ އުޅުމުގެ ހުއްދަ ދެވޭނީ ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ.
ބޭރުން އަންނަ މީހުން ކަރަންޓީންވުން ލާޒިމު ކޮށްފައި މިވަނީ ލޮކްޑައުންއަށް ދިން ލުއިތަކާއެކު ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި ވަނިކޮށެވެ. ބުދަ ދުވަހުން ފެށިގެން ބޯޑަރު ހުޅުވާލުމާއެކު ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަންނަން ވަނީ ފަށައިފަ އެވެ. ކަރަންޓީނަކާ ނުލައި އެ ޓޫރިސްޓުންނަށް ޗުއްޓީ ހޭދަ ކުރަން ރިސޯޓްތަކަށް ދެވެ އެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ އަދިވެސް ނުދެ އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު އޭޕްރިލް 15 ގައި އިއުލާންކުރި ލޮކްޑައުން އަށް ބޮޑެތި ލުއިތަކެއްދީ އާންމުންނަށް ބޭރުގައި އުޅެވޭނެހެން ހުޅުވާލީ މި މަހު 1 ގަ އެވެ. ފުރަތަމަ ހުޅުވާލި އިރު ދުވާލެެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 5-15 އާ ދޭތެރޭގައި ހުރި ނަމަވެސް މިހާރު އެ އަދަދު އިތުރުވެ 60 އަށް ވުރެ ވެސް މައްޗަށް އަރަ އެވެ. އަދި ޕޮޒިޓިވްވާ ދިވެހިންގެ އަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 2،930 މީހުންނެވެ. ބަލީގައި 15 މީހުން މަރުވެފައިވާއިރު، 2،354 މީހުން ވަނީ ރަނގަޅުވެފަ އެވެ.