ރައީސް ޔާމީން ހދ. އާއި ށ. އަތޮޅަށް ވަޑައިގަންނަވަނީ
ރައީސް ޔާމީން ހދ. އާއި ށ. އަތޮޅަށް ވަޑައިގަންނަވަނީ

ތަރައްގީގެ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މި ހަފުތާގައި ހދ. އަތޮޅާއި ށ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، އަންގާރަ ދުވަހު ހދ. ހިރިމަރަދު އާއި މަކުނުދު އާއި ނެއްލައިދޫގެ އިތުރުން އެ އަތޮޅު ކުރިނބީ އަށް ވަޑައިގެން އެ ރަށްރަށުގެ ބަނދަރާއި މަކުނުދޫ މިސްކިތެއް ހުޅުއްވައިދެއްވާނެ އެވެ. ބުދަ ދުވަހު ކަނޑިތީމަށް ވަޑައިގަންނަވަނީ 2014 ވަނަ އަހަރު މަސައްކަތް ފެށި، އެ ރަށުގެ ނަރުދަމާ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށެވެ.

މަޝްރޫއުތައް އިފުތިތާހު ކޮށްދެއްވައި ރައްޔިތުންނާ ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެ އެވެ. ރައީސްގެ މި ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް ޔާމީން ވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ފުވައްމުލަކަށް ވަޑައިގެން ފެނާއި ނަރުދަމާ އަދި މަގު ހެދުމުގެ މަޝްރޫއު އިފުތިތާހު ކޮށްދެއްވައިފަ އެވެ.