19 ޖުލައި 2020 - 11:41

މެޑްރިޑް (ޖުލައި 19) - ރެއާލް މެޑްރިޑް ކޯޗެއްގެ ގޮތުގައި ދިގު މުއްދަތަކަށް ދެމިހުންނާނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ ކަމަށް ދާދި ފަހުން އެ ޓީމަށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ޒިދާން އެންމެ ފުރަތަމަ ރެއާލަށް ކޯޗުކޮށްދިންއިރު، ޖެހިޖެހިހެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުއްލި ގޮތަކަށް ރެއާލްގެ ކޯޗުކަން ދޫކޮށްލި އެވެ. ޒިދާން އެ ޓީމު ދޫކޮށްލުމުން އެ ކްލަބަށް ގިނަ މައްސަލަތަކެއް ދިމާވެ އަލުން އޭނާ ގެންނަން އެ ޓީމުން ނިންމީ އެވެ. ޒިދާން ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވީ މިދިޔަ އަހަރު މާޗް މަހުގަ އެވެ. ގިނަ ކްލަބްތަކަށް ނޫނެކޭ ބުނެފައި ޒިދާން ރެއާލާ ގުޅުނީ 2022 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް ހެދުމަށް ފަހު އެވެ.
ލަލީގާގެ ކާމިޔާބީ އަށް ފަހު ޒިދާންގެ ވިސްނުން ހުރީ އަދި ކިތައް ސީޒަނުގައި ރެއާލާ އެކު ކުރިއަށްދާންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޒިދާން ބުނީ އެއީ އޭނާ އަށް ސީދާ ޔަގީންކަމެއް ދެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަހަރެންގެ ކޮންޓްރެކްޓެއް އެބައޮތް. އެކަމަކު އަހަންނަށް ނޭނގޭ ވާނެ ގޮތެއް. އަހަރެން މި ދައްކަނީ އަންނަ ސީޒަން ނޫނީ ޖެހިގެން އަންނަ އަހަރުގެ ވާހަކައެއް ނޫން. އަހަރެން މިހުރީ ވަރަށް އުފަލުން. އެކަމަކު ފުޓްބޯޅައިގައި ވާނެ ގޮތެއްގެ ޔަގީންކަން އެއްވެސް މީހަކަށް ނުދެވޭނެ. އެއް ރެއިން ވެސް ގިނަ ކަންތައްތަކެއް ބަދަލުވާނެ. އަހަރެމެން މި ވަގުތު މިތިބީ ވަރަށް އުފަލުން،" ޒިދާން ބުންޏެވެ.
ޒިދާން އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން މި ގޮތަށް ވާހަކަ ދައްކާފައިވަނީ ކުރިއަށް އޮތް ޓްރާްސްފާ މާކެޓްގައި ރެއާލުން ބޮޑު އަގުގައި ކުޅުންތެރިން ނުގަންނާނެ ކަމަށް އެ ކްލަބުން ބުނެފައިވަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަން ޕީއެސްޖީގެ ކިލިއަން އެމްބާޕޭ ގެންނަން ޒިދާން އޮތީ ރެއާލް މެނޭޖްމަންޓްގެ ކިބައިން އެދިފަ އެވެ.
ޒިދާން ބުނީ ލަލީގާއާ ހަމައިން ރެއާލަށް ސީޒަން ނިމުނީ ކަމަށް ގަބޫލުނުކުރާ ކަމަށާއި ޗެމްޕިއަންސް ލީގަކީ ވެސް އެ ޓީމަށް އަމާޒެއް ކަމަށެވެ. އެ ގޮތުން ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން 2-1 އިން ބަލިވެފައި އޮތް ނަމަވެސް ދެ ވަނަ ލެގުގައި ރެއާލަށް ސިޓީ ދަނޑުގައި ނަތީޖާ އަނބުރާލެވިދާނެ ކަމަށް ޒިދާން ގަބޫލުކުރެ އެވެ.
"ފަހު ސިކުންތާ ހަމައަށް އަހަރެމެން މަސައްކަތްކުރާނަން. އެ ގޮތުގައި މަސައްކަތްކޮށްގެން އަހަރެމެން ވަރަށް ގިނަ ކަންތައްތައް މީގެ ކުރިން ވެސް ހާސިލްކޮށްފިން،" ޒިދާން ބުންޏެވެ.
ސްޕެނިޝް ލީގުގެ ފަހު މެޗުތައް މިރޭ ކުޅޭއިރު، ރާއްޖެ ގަޑިން 12 ޖަހާއިރު ރެއާލް ރަށުންބޭރުގައި ބައްދަލުކުރާނީ ލެގަނޭސްއާ އެވެ. އަދި ދެ ވަނައިގައި އޮތް ބާސެލޯނާ ނުކުންނާނީ ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށެވެ.