19 ޖުލައި 2020 - 11:45

ޖެނީވާ (ޖުލައި 19) - ވޭތުވެދިޔަ 24 ގަޑިއިރުތެރޭ މުޅި ދުނިޔެ އިން 260،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިއީ އެއް ދުވަސްތެރޭ އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ދުވަސް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި މިއީ އެއް ދުވަސްތެރޭ މިލިއަނެއްގެ ހަތަރު ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވި ހަތަރު ގައުމަކީ އެމެރިކާ، ބްރެޒިލް، އިންޑިއާ އަދި ސައުތު އެފްރިކާ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ދުނިޔެ އިން ވަނީ ކޮވިޑް-19 ގައި 7،360 މީހުން މަރުވެފަ އެވެ. މިއީ މެއި 10 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ހިސާބުތައް ދައްކާ ގޮތުން މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 14,278,826 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 601,260 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 8,530,393 މީހުންނެވެ.
އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި ބަލިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް ލޮކްޑައުން ކުރުމަށާއި މާސްކް އަޅައިގެން އުޅުމަށް ދެކޮޅު ހެދި ދެކުނުގެ ސްޓޭޓްތަކުގަ އެވެ. ފްލޮރިޑާ، ޓެކްސަސް އަދި އެރިޒޯނާގައި ދަނީ ކޭސްތައް މާބޮޑަށް އިތުރުވަމުންނެވެ. ފްލޮރިޑާ އިން އިއްޔެ އެކަނިވެސް ވަނީ 10،000 މީހުން ޕޮޒިޓިވްވެ 90 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އެ ސްޓޭޓުން މިހާތަނަށް ވަނީ 337،000 މީހުން ޕޮޒިޓިވްވެ 5،000 މީހުން މަރުވެފަ އެވެ. އެމެރިކާ އިން އިއްޔެ އެކަނި ވަނީ 75،000 މީހުން ޕޮޒިޓިވްވެ 946 މީހުން މަރުވެފަ އެވެ.
ބްރެޒިލުން މިހާތަނަށް ވަނީ 2,053,174 މީހުން ޕޮޒިޓިވްވެ 78,097 މީހުން މަރުވެފަ އެވެ. ބްރެޒިލުން އިއްޔެ ވަނީ 33,959 މީހުން ޕޮޒިޓިވްވެ 1،110 މީހުން މަރުވެފަ އެވެ. އިންޑިއާ އިން މިހާތަނަށް 1,040,457 މީހުން ޕޮޒިޓިވްވެ 26،285 މީހުން މަރުވެފައިވާ އިރު އިއްޔެ ވަނީ 34،820 މީހުން ޕޮޒިޓިވްވެ 686 މީހުން މަރުވެފަ އެވެ. އިންޑިއާގެ ސައެންސްވެރިން ބުނެފައި ވަނީ އެ ގައުމު ޕީކަށް ދާން އަދި ކައިރިވެސް ނުވާ ކަމަށެވެ. ސައުތު އެފްރިކާ އިން ވެސް އިއްޔެ ވަނީ 13،373 މީހުން ޕޮިޒިޓިވްވެ 135 މީހުން މަރުވެފަ އެވެ. އެ ގައުމުން މިހާތަނަށް 337،594 މީހުން ޕޮޒިޓިވްވި އިރު މަރުވި މީހުންގެ އަދަދަކީ 4،804 އެވެ.