ޑައިރެކްޓަރު ރަޖަތު މުކަރްޖީ މަރުވެއްޖެ
ޑައިރެކްޓަރު ރަޖަތު މުކަރްޖީ މަރުވެއްޖެ

"ޕިޔާރު ތޫނޭ ކިޔާ ކިޔާ" އާއި "ރޯޑް" ފަދަ ފިލްމުތައް އުފެއްދި ބޮލީވުޑްގެ ޑައިރެކްޓަރު ރަތަޖު މުކަރްޖީ މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ކިޑްނީ ބައްޔަށް ފަރުވާ ވެސް ހޯދަމުން ދިޔަ ރަޖަތު މަރުވީ ބަލިވެ އުޅޭތާ ދުވަސްތަކެއް ފަހުން މިއަދު ހެނދުނުގެ ވަގުތެއްގައި ޖެއިޕޫރްގައި ކަމަށެވެ. އޭނާގެ މަރުގެ ޚަބަރާ އެކު ބޮލީވުޑް ފަންނާނުން ރަޖަތުގެ ހަނދާންތައް އާކޮށް، ޓްވިޓާގައި ހިތާމަފާޅުކޮށްފައިވެ އެވެ.

ރަޖަތު ގެނެސްދިން އިތުރު ފިލްމުތަކުގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގާމް 2004 ގައި ކުޅުނު ފިލްމު "ލަވް އިން ނޭޕާލް" އާއި "އުންމީދު" އަދި "އިޝްގް ކިލްސް" ހިމެނެ އެވެ.

ރަޖަތުގެ ފިލްމުތަކުގެ ތެރެއިން 2001 ގެ "ޕިޔާރު ތޫނޭ ކިޔާ ކިޔާ" އަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލުވި ފިލްމެކެވެ. ލޯބީގައި މޮޔަވާ އަންހެނެއްގެ ވާހަކަ ކިޔައިދިން އެ ފިލްމުގެ ތަރިންނަކީ އުރުމިލާ މަޓޯންޑްކަރާއި ފަރުދީން ޚާންގެ އިތުރުން ސޮނާލީ ކުލްކަރްނީ އެވެ.

"ޕިޔާރު ތޫނޭ ކިޔާ ކިޔާ" އަށް ބިނާކޮށް ދިވެހި ސިނަމާ އަށް ވެސް 2001 ގައި ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ އަސްލަމް ރަޝީދު ޕްރޮޑިއުސްކޮށް، ނިއުމާ މުހައްމަދާއި މުހައްމަދު ޝާވިންގެ އިތުރުން ވަލީދާ ވަލީދު ކުޅުނު "ދީވާނާ" އެވެ.