ގަހަނާ ފިހާރަ ބަންދުކޮށް ގަހަނާތައް ހޯދަން އާންމުންނަށް ޗެލެންޖެއް
ގަހަނާ ފިހާރަ ބަންދުކޮށް ގަހަނާތައް ހޯދަން އާންމުންނަށް ޗެލެންޖެއް

ކޮވިޑް-19އާ ހެދި ވިޔަފާރި ހުއްޓި ގެއްލުންވާން ފެށުމުން، އެމެރިކާގައި ގަހަނާގެ ވިޔަފާވެރިކުރާ މީހަކު ފިހާރަ ބަންދުކޮށް އެ ތަނުގައި ހުރި މިލިއަން ޑޮލަރުގެ ގަހަނާތައް "ވަޅުލައި" އެ ތަކެތި ހޯދަން އާންމުންނަށް ޗެލެންޖެއް ހުޅުވާލައިފި އެވެ.

ޖޯނީ ޕެރީ އާއި އޭނާގެ އަންހެނުން މިޝިގަންގެ މެކޮމްބް ކައުންޓީގައި ހިންގަމުން ދިޔަ "ޖޭ އެންޑް އެމް ޖުވެލާޒް" ގެ ވިޔަފާރި ހުއްޓުމުން ދެމަފިރިންނަށް ދެން ކުރިއަށް ދެވެން އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ފިހާރަ ވިއްކާލައި، ގަހަނާ ވިޔަފާރިއާ އެއްކޮށް ދުރަށް ދިއުމެވެ. އަނެއް ގޮތަކީ މުދަލަކަށް ހުރި ގަހަނާގެ ބޭނުން ތަފާތު ގޮތަކަށް ހިފައިގެން އާމްދަނީ ހޯދުމެވެ.

މި ދެ ގޮތުގެ ތެރެއިން ޖޯނީ އިހުތިޔާރުކުރީ ފިހާރަ ބަންދުކުރުމަށް ފަހު، އެތަނުގައި ހުރި އަގުހުރި މުދަލުން ފައިސާ ލިބޭނެ ގޮތަކަށް ޗެލެންޖެއް ކުރިއަށް ގެންދިއުމެވެ. އެގޮތުން "ޖޯނީޒް ޓްރެޝާ ކްއެސްޓް" ނަމުގައި ހުޅުވައިލި މި ޗެލެންޖްގައި ޖެހެނީ ޑިޓްރޮއިޓް މެޓްރަޕޮލިޓަނާއި އަޕާ ޕެނިންސުލާގެ އެކި ދިމަދިލާމުގައި "ވަޅުލައި ރައްކާކޮށްފައިވާ" ގަހަނާތައް ހޯދުމެވެ. އޭގެ ތެރޭގައި ރަނާއި ރިއްސާއި ޖަވާހިރާއި ރަން ރިހީގެ އެހެނިހެން ބާވަތްތަކާއި އެތައް ހާސް ޑޮލަރެއް ހިމެނެ އެވެ.

މި ޗެލެންޖްގައި ބައިވެރިވާން ޝައުގުވެރިވާ މީހުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޖޯނީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރޭޝަން ޓިކެޓެއް ގަތުމެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޗެލެންޖްގެ ފުރަތަމަ ރައުންޑް ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 1 އަށެވެ. ކުރަންޖެހޭ ކަމަކީ "ފޮރުވާފައި" ހުރި ގަހަނާތައް އެ ހުރި ތަނަކުން ހޯދުމެވެ. އެކަމަކު މިކަން ކުރިއަށްދާނީ އެހާ ފަސޭހަކޮށެއް ނޫނެވެ. ސަބަބަކީ އެކިއެކި ކަހަލަ އަރަތްތަކާ ވެސް ކުރިމަތިލާން ޖެހުމެވެ. އަދި މިކަން ކުރިއަށްދާ އިރު، ޖީޕީއެސް ޓްރެކާޒް މެދުވެރިކޮށް، ޖޯނީ ބައިވެރިންގެ ހަރަކާތްތައް މޮނިޓަކުރަމުންދާނެ އެވެ. ޗެލެންޖްގައި ބައިވެރިވާ މީހުންގެ އެއް ޝަރުތަކީ ޗެލެންޖާ ގުޅޭ އެއްވެސް ކްލޫއެއް ސޯޝަލް މީޑިއާގައި ހިއްސާނުކުރުމެވެ.

މި ޗެލެންޖްގެ ފުރަތަމަ ބުރުގެ ޓިކެޓް 49 ޑޮލަރަށް ވިއްކާ އިރު، އެ ބުރު ކާމިޔާބުކުރާ މީހަކަށް 4،000 ޑޮލަރުގެ އަގުހުރި ގަހަނާ ލިބޭނެ އެވެ.

ދެވަނަ ބުރުގެ ޓިކެޓް 59 ޑޮލަރަށް ވިއްކާ އިރު، އެ ބުރު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 13 ގަ އެވެ. އެ ބުރު ކާމިޔާބުކުރާ މީހަކަށް 7،000 ޑޮލަރުގެ އަގުހުރި ގަހަނާ ލިބޭނެ އެވެ.

ޖޯނީ ބުނި ގޮތުގައި މި ޗެލެންޖްގެ އެއް އަމާޒަކީ ބަޔަކު މިލިއަނަރަކަށް ހެދުމެވެ. އޭނާ ބުނީ މި ޗެލެންޖަކަށް ހުޅުވައިލި އިރު އޭނާގެ ގަހަނާތަކަކީ ވަރަށް ހާއްސަ އެއްޗިއްސެވެ. އެއް ސަބަބަކީ އެ ވިޔަފާރި ވާރުތަވީ ބައްޕަފެ ފަރާތުން ކަމަށްވެފައި، މީގެ ތެރޭގައި ތާރީހީ ގޮތުން ވެސް ހާއްސަ އެތައް ބާވަތެއް ހިމެނުމެވެ.

"މި ޗެލެންޖަކީ އެޑްވެންޗަތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ހާއްސަ ކަމަކަށް ވާނެ ކަމަށް އަހަރެން ދެކެނީ. މިހާރު ވެސް ލިބެމުން އަންނަ ތަރުހީބު ހަމަ ވަރަށް ރަނގަޅު،" ގަހަނާގެ ވިޔަފާރީގެ ތެރޭގައި 23 އަހަރު އުޅުނު ޖޯނީ ފޮކްސް2 އަށް ބުންޏެވެ. "އަހަންނަށް ހީވަނީ މިއީ ކޮވިޑްގެ މި މުސީބާތުގެ ތެރޭގައި ބަޔަކަށް ހިތްހަމަޖެހުމެއް ވެސް ގެނެސްދޭނެ ޗެލެންޖަކަށްވާނެހެން."