18 ޖުލައި 2020 - 23:44

ޔުނައިޓެޑް ނޭޝަންސް (ޖުލައި 18) - ކޮރޯނާވައިރަހުގެ ސަބަބުން ހާމަވެގެން ދިޔައީ ދުނިޔޭގައި އެންމެން ދިރި މިއުޅޭ މުޖްތަމައުތަކުގެ ނާޒުކަން ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.
ސައުތު އެފްރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސް ނެލްސަން މަންޑޭލާގެ 102 ވަނަ އުފަން ދުވަހުގެ މުނާސަބަތުގައި ގުޓަރޭޒް ހޮނިހިރު ދުވަހު ދެއްވި ބަޔާނެއްގައި ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން އިތުރު 100 މިލިއަން މީހުން ފަގީރުންނަށް ވެއްޖެ ކަމަށެވެ.
"މައިކްރޯސްކޯޕިކް ވައިރަހެއްގެ ސަބަބުން އަޅުގަނޑުމެން އެންމެން މި ވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައި. މި ރޯގާގެ ބަލިމަޑުކަމުން އެނގިގެން ދިޔަ އެއްޗަކީ މި ދުނިޔޭގެ ނާޒުކްކަން،" ނެލްސަން މަންޑޭލާ ފައުންޑޭޝަނުގެ ވާޗުލް ލެކްޗާއެއްގައި ގުޓަރޭޒް ވިދާޅުވި އެވެ. "ފަގީރުކަން ނައްތާލުމާއި ހަމަހަމަކަން ގާއިމްކުރުމުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން ހޯދި ކާމިޔާބީ މި ވަނީ މަދު މަސްތަކެއްގެ ތެރޭގައި އެތައް އަހަރެއް ފަހަތަށް ގެންގޮސްފައި."
ރޯގާގެ އިގްތިސާދީ ގެއްލުމަށް އިޝާރާތް ކުރައްވައި ގުޓަރޭޒް ވިދާޅުވީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުން މިވަރުގެ ބޮޑު ރިސެޝަނަކަށް ދުނިޔެ ނުދާ ކަމަށެވެ.
"ކޮރޯނާވައިރަހަކީ އެކްސް-ރޭއެއް. އެއިން ދައްކައިދެނީ އަޅުގަނޑުމެން ބިނާކުރި މުޖްތަމައުގެ ސްކެލެޓަންގައި ރެނދުތައް އަޅާފައިވާ މިންވަރު،" ގުޓަރޭޒް ވިދާޅުވި އެވެ.
އާމްދަނީގެ ތަފާތުން މިސާލު ނަންގަވައި ގުޓަރޭޒް ވިދާޅުވީ ދުނިޔޭގެ ދެބައިކުޅަ އެއްބައި މީހުންގެ މުއްސަނދިކަމާ އެއްވަރުގެ އަދަދެއް ދުނިޔޭގެ އެންމެ މުއްސަނދި 26 މީހުން ހިއްސާ ކުރާ ކަމަށެވެ.
"އެކަމަކު އާމްދަނީ އާއި މުސާރަ އާއި މުއްސަނދިކަމުގައި އެކަންޏެއް ނޫން ތަފާތު ބޮޑީ. މުޖްތަމައުތަކުގެ ތަފާތު ކުރުން ވެސް އެހާބޮޑު. ނަސްލީ އިމްތިޔާޒު ވެސް އެހާބޮޑު،" ގުޓަރޭޒް ވިދާޅުވި އެވެ.
ކޮރޯނާވައިރަހަކީ ދެމެހެއްޓެނިވި ގޮތުގައި ހަމަހަމަކަމާ އެކު ދުނިޔެ އަލުން އާރާސްތު ކުރުމަށް ލީޑަރުންނަށް ލިބުނު ފުރުސަތެއް ކަމަށް ގުޓަރޭޒް ވިދާޅުވި އެވެ.