18 ޖުލައި 2020 - 21:51

ބ. ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުއްޓާ މިއަދު ހެނދުނު ހާޓް އެޓޭކެއް ޖެހުނު މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކަރަންޓީންގައި ހުރި މީހާ މަރުވި އިރު އުމުރަކީ 59 އަހަރު އަހަރެވެ. ހެނދުނު އޭނާ މަރުވިއިރު ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.
އެ ރަށު މީހަކު "މިހާރު" އަށް ބުނިގޮތުގައި ކަރަންޓީންގައި ހުރި މީހަކަށް ވާތީ އޭނާގެ ސާމްޕަލް އެ އަތޮޅު އޭދަފުށީ ފެސިލިޓީ އަށް ފޮނުވައިގެން ކޮވިޑް-19 އަށް މިއަދު ޓެސްޓް ކުރި ކަމަށެވެ. އެ ޓެސްޓްގެ ނަތީޖާ ދައްކާ ގޮތުން އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ތުޅާދޫގެ އެއްވެސް ކައުންސިލަރަކަށާއި ސިއްހީ މަރުކަޒުުގެ ވެރިއަކަށް ނުގުޅޭތީ އެ ރަށުގެ ހާލަތު ސާފެއް ނުވެ އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވެސް ފޯނު ނުނަންގަވަ އެވެ. އެހެންކަމުން މިއީ ކޮވިޑް-19 ގައި މަރުވި މީހެއްތޯ ނުވަތަ ނޫންތޯ ސާފެއް ނުވެ އެވެ.
"މިހާރު" އަށް އެނގިފައިވާގޮތުގައި މަރުވި މީހަކީ އެ ރަށުގައި ދިރިއުޅޭ މީހެކެވެ. އޭނާ ކަރަންޓީން ވާން ޖެހުނީ އަމިއްލަ ބޭނުމެއްގައި މާލެ އައިސް އުޅެނިކޮށް މާލެ ލޮކްޑައުން ކުރުމާ ގުޅިގެންނެވެ.
މިހާތަނަށް ކޮވިޑް-19 ގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު ވަނީ 15 އަށް އަރައިފަ އެވެ.