މޮރީނިއޯ އަކީ ޗެލްސީގެ ވާދަވެރިއެއް: ކޮންޓޭ
މޮރީނިއޯ އަކީ ޗެލްސީގެ ވާދަވެރިއެއް: ކޮންޓޭ

ލަންޑަން (އޮކްޓޯބަރު 23) - ހޯސޭ މޮރީނިއޯ އަކީ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ކަމަށާއި ދަނޑުމަތީގައި އޭނާ އަކީ މިހާރު ޗެލްސީގެ ވާދަވެރިއެއް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޔުނައިޓެޑަކީ ޕްރިމިއާ ލީގުގައި މޮރީނިއޯ ކޯޗުކޮށްދޭ ދެ ވަނަ ޓީމެވެ. މޮރީނިއޯ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކޯޗުކޮށްދީ އެ ޓީމަށް ތިން ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފަ އެވެ. މޮރީނިއޯ އަކީ ޗެލްސީގެ ތާރީހުގައި އެ ޓީމަށް އިރުޝާދުދިން އެންމެ ކާމިޔާބު އެއް ކޯޗެވެ.

ކޮންޓޭ ބުނީ ޗެލްސީ އާއި މޮރީނިއޯއާ ދެމެދު އޮންނަނީ ހާއްސަ ގުޅުމެއް ކަމަށެވެ.

"ޗެލްސީއާ މޮރީނިއޯއާ އޮތް ގުޅުން ވަކި ނުކުރެވޭނެ. ކްލަބްގެ ވެރިންނާއި ސަޕޯޓަރުން އަދި ކުޅުންތެރިން ވެސް އޭނާ އަށް އިހުތިރާމްކުރާނެ. އެކަމަކު އޭނާ އަކީ ޔުނައިޓެޑްގެ ކޯޗު. ކުޅިވަރުގެ އުސޫލަށް ބަލާއިރު ދަނޑަށް ނުކުތުމަށްފަހު މޮރީނިއޯ އަކީ ޗެލްސީގެ ވާދަވެރިއެއް،" ކޮންޓޭ ބުންޏެވެ.

މި މެޗަށް ތައްޔާރުވާން ޗެލްސީ އަށް ހަފްތާއެއްހާ ދުވަސް ލިބުނުއިރު، ޔުނައިޓެޑް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގައި ކުޅެފަ އެވެ. ކޮންޓޭ ބުނީ އެއީ އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ގާތްގާތުގައި މެޗުތައް ކުޅުމުން ވަރުބަލިވާނެ. އެކަމަކު އެއީ މުޅިން އާ މެޗަކަށް ނުކުންނައިރު އެޑްވާންޓޭޖެއްގެ ގޮތުގައި ނެގުމަކީ އަހަރެން ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތެއްނޫން،" ކުރިން ޔުވެންޓަސް އާއި އިޓަލީގެ ގައުމީ ޓީމަށް ކޯޗުކޮށްދިން ކޮންޓޭ ބުންޏެވެ.

ސީޒަނުގެ ކުރީކޮޅުގައި ޗެލްސީ ކޮޅަށް ގިނަ ލަނޑުތަކެއް ވަނީ ވަދެފަ އެވެ. އެހެން ނަމަވެސް އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗުގައި ޓީމުގެ ޑިފެންސިވް ސިސްޓަމް ބަދަލުކޮށްލި ފަހުން އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ އެވެ. މިރޭގެ މެޗަށް ނުކުންނައިރު ޗެލްސީ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ޓީމުގެ ކެޕްޓަން ޖޯން ޓެރީ އެއްކޮށް ފިޓްވުމެވެ.

ޗެލްސީ މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު އެވެ. މިރޭ ޔުނައިޓެޑް ބަލިކުރުމަށް ފަހު ލީގުގެ ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.