19 ޖުލައި 2020 - 08:29

މީގެ ދެ އަހަރު ކުރިން ގެނެސްދިން ފިލްމު "ޕަރްމަނޫ: ދަ ސްޓޯރީ ޕޮކްރާން" ގެ ޑައިރެކްޓަރު އަބީޝެކް ޝަރުމާއާ އެކު ޖޯން އަބްރަހަމް އިތުރު ފިލްމެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިކަން ކަށަވަރުކޮށްދެމުން ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި އަބީޝެކް ބުނީ އޭނާ އާއި ޖޯން ކުރިން ވެސް ނިންމައިގެން ތިބީ އެކީގައި އިތުރު ފިލްމެއް ގެނެސްދޭ ގޮތަށް ކަމަށެވެ. އެގޮތުން ދެން ހަދާ ފިލްމު ވާނީ "ޕަރްމަނޫ" އާ ވަރަށް ތަފާތު ހިންދީ ސިނަމާ އަށް ވެސް ވަރަށް އާ ޖޯންރާއެއްގެ ފިލްމަކަށްވާނެ ކަމަށް ބުންޏެވެ.
"މިއީ ކޮމެޑީއެއް، ޑްރާމާއެއް އަދި ލޯބީގެ ފިލްމެއް ވެސް ނޫން. އަހަންނަށް މި ވަގުތަށް ބުނެވެން އޮތީ ހިންދީ ސިނަމާ އަށް ވަރަށް އާ ޖޯންރާއެއްގެ ފިލްމަކަށޭ އެ ފިލްމު ވާނީ. އަދި ޖޯން ފެނިގެންދާނީ ވެސް މީގެ ކުރިން އޭނާ ފެނިފައި ނުވާ ކަހަލަ ގޮތަކަށް." 2010 ގައި "ތެރެ ބިން ލާދިން" ޑައިރެކްޓްކޮށްގެން މަޝްހޫރުވި ޑައިރެކްޓަރު ބުންޏެވެ.
އޭނާ ބުނިގޮތިުގައި އިންޑިއާގެ ލޮކްޑައުން އަށް އެއްކޮށް ލުއި ލިބި، އާންމު ހާލަތަކަށް އާދެވުމުން ފިލްމާ ގުޅޭ ކަންކަން ފަށާނެ އެވެ.
"އެކަމަކު މި ލޮކްޑައުން ނިމޭ އިރެއް ނޭނގޭތީ މައްސަލައަކީ،" އަބީޝެކް ބުންޏެވެ.
އޭނާ އެންމެ ފަހުން ގެނެސްދިނީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު، ސޯނަމް ކަޕޫރާ އެކު މިދިޔަ އަހަރު ގެނެސްދިން "ދަ ޒޯޔާ ފެކްޓާ" އެވެ. އަބީޝެކްގެ އެހެން ފިލްމެއްގެ މަސައްކަތް ލޮކްޑައުންގެ ކުރިން އޮތީ ފަށައިފަ އެވެ. އެއީ "ސޫރަޖް ޕޭ މަންގަލް ބާރީ" އެވެ.
މި ފެމިލީ ކޮމެޑީގެ ކާސްޓުންނަކީ ފާތިމާ ސަނާ ޝެއިހާއި ދިލްޖީތު ދޮސަންޖާއި މަނޯޖް ބަޖްޕާއީ އެވެ.