18 ޖުލައި 2020 - 17:10

ކޮވިޑް-19އާ ގުޅިގެން އޭޝިއާ ސަރަހައްދުގައި ކަނޑު ފޭރުން އިތުރުވެ، ޝިޕިން ލައިންތަކަށް ބިރުވެރިކަން އިތުރުވަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.
ކަނޑުފޭރުމާ ދެކޮޅަށް އޭޝިއާ ސަރަހައްދުގެ 16 ގައުމަކުން ސޮއި ކޮށްފައިވާ "ރީޖަނަލް ކޯޕަރޭޝަން އެގްރީމެންޓް އޮން ކޮމްބެޓިން ޕައިރެސީ އެންޑް އާމްޑް ރޮބެރީ އެގެއިންސްޓް ޝިޕްސް އިން އޭޝިއާ" (ރީކެޕް) އިން ނެރުނު ރިޕޯޓުގައި ބުނެފައިވާގޮތުގައި މިއަހަރުގެ މިހާތަނަށް މި ސަރަހައްދުގައި 50 ކަނޑުފޭރުމުގެ ހާދިސާ ވަނީ ހިނގައިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރުވުމެކެވެ.
އެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި ކަނޑުފޭރުން އިތުރުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީ އަށް އަސަރު ކޮށްފައިވާތީ އެވެ. އެގޮތުން ރީކެޕްގެ އެގްޒެކެޓިވް ޑިރެކްޓަރު މަސަފޫމީ ކުރޯކީ ވިދާޅުވީ ގިނަ ފަހަރަށް އެފަދަ ކުށްތަކުގައި ބައިވެރިވަނީ މަސްވެރިންނާއި ވަޒީފާ އަށް ނުދާ ޒުވާނުން ކަމަށެވެ.
އޭޝިއާ ސަރަހައްދަކީ ދުނިޔޭގެ އެންމެ ގިނަ ޝިޕިން ލައިންތައް ދަތުރު ކުރާ ސަހަރައްދެވެ. އެހެންކަމުން ކަނޑުފޭރުން ގިނަވުމުގެ ސަބަބުން އެންމެ ބޮޑު ބިރުވެރިކަމެއް އޮތީ ޝިޕިން ލައިނާތަކަށް ކަމަށް ކުރޯކީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ވައިރަސްގެ ސަބަބުން ވިޔަފާރި ދަށްވެ، ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ސަބަބުން ކަނޑުފޭރުން އިތުރަށް ގިނަވުން. މިހެން މިކަންތައް އިތުރަށް ދިގުދެމިގެންދާނަމަ އޭޝިއާ ސަރަހައްދުން ދަތުރުކުރާ ބޯޓުތަކަށް އޮތް ބިރު ވަރަށް ބޮޑު." ރީކެޕްގެ އެގްޒެކެޓިވް ޑިރެކްޓަރު ވިދާޅުވި އެވެ.
އޭޝިއާ ސަރަހައްދުގައި ކަނޑުފޭރުމުގެ ހާދިސާތައް އިތުރުވިނަމަވެސް މިއަހަރު ތެރޭގައި ރާއްޖޭގައި އެފަދަ ހާދިސާއެއް ހިނގާފައެއް ނުވެ އެވެ. މި ހާދިސާތައް އެންމެ ގިނައިން ހިނގާފައިވަނީ ބަންގްލަދޭޝް އާއި ޗައިނާ އާއި އިންޑިއާ އާއި އިންޑޮނޭޝިއާގަ އެވެ. މީގެ ތެރެއިން އިންޑިއާ އާއި ޗައިނާއަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރާ ދެ ގައުމެވެ.