މައްސަލް ހައްލުވެއްޖެ، މިހާރު ފެން ލިބޭނެ: އެމްޑަބްލިއުއެސްސީ
މައްސަލް ހައްލުވެއްޖެ، މިހާރު ފެން ލިބޭނެ: އެމްޑަބްލިއުއެސްސީ

ފެން ހޮޅިއަކަށް ދިމާވި މައްސަލަ މިހާރު އެއްކޮށް ހައްލުކުރެވިފައިވާ ކަމަށާއި ރޭ ފެން ކަނޑައިލި ހުރިހާ ސަރަހައްދުތަކަށް މިހާރު ފެން ލިބޭނެ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ބުނެފި އެވެ.

ޗާނދަނީ މަގުގައި ވަޅުލާފައިވާ ފެން ހޮޅިއެއްގެ ވޭލަކުން ފެން ލީކުވަމުން ދާތީ، އެ މައްސަލަ ހައްލުކުރަން ރޭ 11:00 އިން ފެށިގެން ހަ ގަޑިއިރަށް އެ ސަރަހައްދުން ފެނުގެ ހިދުމަތް މެދުކަނޑައިލި އެވެ. ފަތިހު 5:00 އާ ހަމައަށް ފެން ކަނޑައިލީ އިސްކަންދަރު މަގު، ޗާނދަނީ މަގާ ގުޅޭ ހިސާބުން ފެށިގެން ނިކަގަސް ހިނގުމާ ހަމަ އަށް އަދި ނިކަގަސް ހިނގުމުން އިސްކަންދަރު މަގާ ގުޅޭ ހިސާބުން ފެށިގެން އަމީނީ މަގާ ހަމަ އަށް އަދި އަމީނީ މަގުން، ނިކަގަސް ހިނގުމާ ގުޅުނު ހިސާބުން ފެށިގެން މާފަތްތަކުރުފާނު މަގާ ހަމައަށެވެ.

އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު މިއަދު ވިދާޅު ގޮތުގައި އެ ފެން ހޮޅީގެ ވޭލަށް ދިމާވި މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ އެވެ.

"ކުރިއެކޭ ވެސް އެއްގޮތަށް މިހާރު އެ ސަރަހައްދުތަކަށް ފެން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވީ އެ ގަޑީގައި ފެން ކަނޑާލަން ނިންމީ ވޭލް މަރާމާތު ކުރުމަށް ނެޓްވޯކުން ފެން ހުސްކުރަން ޖެހޭތީ ކަމަށެވެ.