18 ޖުލައި 2020 - 13:25

ވޮޝިންޓަން (ޖުލައި 18) - ކޮރޯނާވައިރަސް ހުއްޓުވުމުގެ ގޮތުން އެމެރިކާ ރައްޔިތުން މާސްކް އެޅުމުގެ އަމުރެއް ނެރުއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައިފި އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އެމެރިކާ ރައްޔިތުން މާސްކް އެޅުމަށް ސްޓޭޓްތަކާއި ލޯކަލް ލީޑަރުން ބާރު އެޅުއްވުމަށް އިންފެކްޝަސް ބަލިތަކާ ބެހޭ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ އިލްތިމާސް ކުރައްވައިފައި ވަނިކޮށެވެ.
ފައުޗީ ވިދާޅުވި ގޮތުގައި، މާސްކް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި "ކޮންމެ މީހަކު ވެސް އެކަން ކުރަންޖެހޭނެ" އެވެ.
އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ގަވަރުނަރުން މިހާރު ވަނީ، އާއްމު ތަންތަނުގައި އުޅޭ އިރު މާސްކް އެޅުމަކީ އިޚްތިޔާރީ ކަމަކަށްވުރެ ބޮޑަށް، މަޖްބޫރު ކަމެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ ގަވަރުނަރުން ވެސް ހިމެނެ އެވެ.
ޓްރަމްޕް ވެސް ކުރިން ވަނީ އަމިލައްފުޅަށް މާސްކް އެޅުއްވުމަށް ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ފުރަތަމަ ފަހަރަށް ވަނީ މާސްކެއް އަޅުއްވައިގެން އަސްކަރީ ހޮސްޕިޓަލަކަށް ވަޑައިގެންފަ އެވެ. ޓްރަމްޕް އެ ދުވަހު ވިދާޅުވީ މާސްކް އަޅަން ޖެހޭ ވަގުތަކާއި ތަނެއް އަންނާނެ ކަމަށެވެ.
ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް އިއްޔެ ވިދާޅުވީ އެމެރިކާ ރައްޔިތުން މާސްކް އެޅުމަށް މަޖްބޫރު ނުކުރާނެ ކަމަށާއި ރައްޔިތުންނަށް ވެސް "ކޮންމެވެސް ވަރެއްގެ މިނިވަން ކަމެއް" އޮންނަން ޖެހޭނެ ކަމަށެވެ.
އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިދިޔަ ހަފުތާގައި ވަނީ އާއްމުން ބޭރުގައި އުޅޭ އިރު މާސްކް އެޅުމަށް އިލްތިމާސް ކޮށްފަ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 3,770,138 މީހުން ޕޮޒިޓިވްވެ 142,065 މީހުން މަރުވެފަ އެވެ.