16 އަހަރަށް ފަހު ލީޑްސް ޕްރިމިއާ ލީގަށް
16 އަހަރަށް ފަހު ލީޑްސް ޕްރިމިއާ ލީގަށް

ލަންޑަން (ޖުލައި 18) - އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ކުރިން އޮތް ލީޑްސް ޔުނައިޓެޑް 16 އަހަރަށް ފަހު އަލުން އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.

16 އަހަރަށް ފަހު ލީޑްސް ޕްރިމިއާ ލީގަށް
16 އަހަރަށް ފަހު ލީޑްސް ޕްރިމިއާ ލީގަށް

ލީޑްސް އަށް ޕްރިމިއާ ލީގުގެ ޖާގަ ޔަގީންވީ ރޭ ލީގުގެ ދެ ވަނައިގައި އޮތް ވެސްޓް ބްރޮމް ކުޅުނު މެޗުން ހަޑްސްފީލްޑް ޓައުން އަތުން 2-1 އިން ބަލިވުމުންނެވެ. މިހާރު އޮތްގޮތުން އެއް ވަނައިގައި އޮތް ލީޑްސް ދެން މެޗެއް ނުކުޅެނިސް ވެސް އެ ޓީމަށް ލީގު ކަށަވަރުވުމުގެ ފުރުސަތު އެބައޮތެވެ. އެއީ ތިން ވަނައިގައި އޮތް ބްރެންޓްފޯޑް މިއަދު ކުޅޭ މެޗުން ސްޓޯކް އަތުން މޮޅުނުވެވިއްޖެނަމަ އެވެ. ބްރެންޓްފޯޑް މިއަދު މޮޅުވެއްޖެނަމަ ލީޑްސް އަށް ޗެމްޕިއަންކަން ހޯދޭނީ މާދަމާ އެ ޓީމު ކުޅޭ މެޗުން ޑާބީ އަތުން މަދުވެގެން ޕޮއިންޓެއް ހޯދައިގެންނެވެ.

އާޖެންޓީނާގެ މަޝްހޫރު ކޯޗު މާސެލޯ ބިއެލްސާ މީގެ ދެ އަހަރު ކުރިން ލީޑްސްއާ ހަވާލުވެ އެންމެ މުހިއްމު ޓާގެޓެއްގެ ގޮތުގައި ކަނޑައަޅައި މަސައްކަތް ފެށީ ލީޑްސް ޕްރިމިއާ ލީގަށް އަލުން ގެންގޮސްދޭށެވެ. މިިދިޔަ ސީޒަނުގައި ވެސް ލީޑްސް އަށް އެ ފުރުސަތު އޮތެވެ. އެކަމަކު ދިމާވި ކަންތައްތަކެއްގެ ސަބަބުން އެ ޓީމަށް ލީގު ނިންމާލަން ޖެހުނީ ތިން ވަނައިގަ އެވެ. އަދި ޕްލޭއޮފް ކާމިޔާބުކޮށް ޕްރިމިއާ ލީގަށް ދާން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މިިދިޔަ ސީޒަނުގައި އެހެން ދިމާވުމުން ބިއެލްސާ އާއި މަޝްހޫރު ބައެއް ކުޅުންތެރިން އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވުނު ނަމަވެސް މެނޭޖްމަންޓާ އެކު ދެކެވުނު ޕޮޒިޓިވް ވާހަކަ ތަކަށް ފަހު ބިއެލްސާ ނިންމީ ޓީމުގައި މަޑުކުރާށެވެ.

ތަފާތު ގިނަ މައްސަލަތަކެއް ދިމާވެ ލީޑްސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ޕްރިމިއާ ލީގަށް އަލުން އަންނަން އެކި ޕްރޮޖެކްޓް ފަށައިގެން މަސައްކަތް ކުރި ނަމަވެސް ހެދޭ ގޯސްތަކެއްގެ ސަބަބުން އެކަން ހާސިލްނުވަނީ އެވެ.

ލީޑްސް އަކީ 2001 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނު ޓީމެކެވެ. އެ ފަހަރުގެ ސެމީގައި އެ ޓީމު ބަލިވީ ވެލެންސިއާ އަތުންނެވެ. ނުވަދިހައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅުގައި ޕްރިމިއާ ލީގަށް ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ލީޑްސް ފަރާތުން ފެނިގެންދިޔަ އެވެ. އަދި ލީޑްސްގައި ތިބި މޮޅެތި ކުޅުންތެރިން ވަނީ ބޮޑު އަގުގައި އެހެން ކްލަބްތަކަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި އޭރުގެ ދުނިޔޭގެ ރެކޯޑް އަގަށް އެހެން ކްލަބްތަކަށް ގެންދިޔަ ކުޅުންތެރިން ވެސް ހިމެނެ އެވެ.