ހިޔާގައި މަރުވި ތުއްތުކުއްޖާއަކީ ވިހާފައި ހޮސްޕިޓަލަށް ދޫކޮށްލި ކުއްޖެއް، ނަން ކީ ވެސް މަރުވި ފަހުން!
ހިޔާގައި މަރުވި ތުއްތުކުއްޖާއަކީ ވިހާފައި ހޮސްޕިޓަލަށް ދޫކޮށްލި ކުއްޖެއް، ނަން ކީ ވެސް މަރުވި ފަހުން!

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދަނިކޮށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު މަރުވި ކުއްޖާއަކީ، ވިހާފައި ހޮސްޕިޓަލަށް ދޫކޮށްލި ކުއްޖެއް ކަމަށާއި އަަދި އެ ކުއްޖާ އަށް ނަން ވެސް ކީ ކުއްޖާ މަރުވި ފަހުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މައުލޫމާތު އެނގި ހުރި މީހަކު "މިހާރު"އާ ވާހަކަދައްކަމުން ބުނީ އެއީ ވިހާފައި ހޮސްޕިޓަލަށް ދޫކޮށްލުމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖެއް ކަމަށެވެ. އެކަމަކު ކުއްޖާ ދޫކޮށްލީ ކޮން ހޮސްޕިޓަލަކަށް ކަމެއް އޭނާ ނުބުނެ އެވެ.

އެ ކުއްޖާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިިންމައިފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުއްޖާ ޕޯސްޓްމޯޓަމްގެ ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ކަންތައް ދިގުލައިގެންދަނީ ކޮން ސަބަބަކާ ކަމެއް ވިދާޅެއްނުވެ އެވެ.

އެ ކުއްޖާ ނޭވާ ނުލާކަން އެނގުމުން އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، އެ ކުއްޖާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ކުރިން ބުންޏެވެ. އެ އަށް ފަހު ސްކޭންތަކެއް ހެދުމަށް އެ ކުއްޖާ ގެންދިޔައީ އައިޖީއެމްއެޗަށެވެ.

އެ ކުއްޖާ އައިޖީއެމްއެޗަށް ގެންގޮސް ކުއްޖާގެ އަތުގެ ސީޓީ ސްކޭނެއް ހެދި ކަމަށް ވެ އެވެ. އެ ސްކޭނުން ވެސް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހަދަން ނިންމީ އެވެ.

މިކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.