17 ޖުލައި 2020 - 15:54

ރާއްޖޭގައި ހިދުމަތް ދެމުން އަންނަ ޝިޕިން އެޖެންސީތައް ޓްރާންސްޕޯޓު އޮތޯރިޓީގައި ރަޖިސްޓަރީވާން އަންގައިފި އެވެ.
އެގޮތަށް އެންގީ، އެކި ނަންނަމުގައި އެ އެޖެންސީތަކުން ފީތައް ނަގާތީ އެކަން ހައްލު ކުރުމަށެވެ. އެޖެންސީތަކުން ގިނަ ފީތަކެއް ނަގާތީ ވިޔަފާރިވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ "ދިވެހިރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދުގެ"ގެ ދަށުން ހުރިހާ އެޖެންސީތައް ވެސް އަންނަ މަހުގެ 16 ގެ ކުރިން އެ އޮތޯރިޓީގައި ރަޖިސްޓަރީވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ތާރީޚަށް ފަހު، ރަޖިސްޓަރީ ނުކުރާ އެއްވެސް އެޖެންސީއަކަށް ހިދުމަތް ނުދެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
މި ގަވާއިދުގެ ދަށުން ރާއްޖޭގައި ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރަކު، ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިން ނަގަމުން އައި އިތުރު އެއްވެސް ފީއެއް ނުނެގޭނެ އެވެ. ނަމަވެސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500ރ. ނެގޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުންޏެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރަށް ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލަށް ފުރައިޓާއި ޗާޓަރު ކުލި ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތައް އާއްމުކޮށް އަންގަން ޖެހޭނެ އެވެ.