މޭޑޭގައި އަދީބު ދެ ފިސްތޯލައެއް ގެންގުޅުނު، އެ ތަކެތި އޭނާ ދެއްކި: ހެކިން
މޭޑޭގައި އަދީބު ދެ ފިސްތޯލައެއް ގެންގުޅުނު، އެ ތަކެތި އޭނާ ދެއްކި: ހެކިން

މިދިޔަ އަހަރުގެ މޭ 1 ގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެ ފިސްތޯލަ އާއި ގޮވާ އެއްޗެއް ގެންގުޅުއްވި ކަމަށް ދެ މީހަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މޭޑޭގައި ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ އަދީބަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި އެގޮތަށް ހެކިބަސް ދިނީ އެޕްރީލް 30 ވަނަ ދުވަހުގެ ރޭ މެންދަމު އަދީބު ދިރިއުޅުއްވާ ގ. ގޮމަށިގޭގެ އެޕާޓްމަންޓަށް އަދީބުގެ ދައުވަތަކަށް ދިޔަ ދެ މީހެކެވެ.

ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކިބަސް ދެމުން އެ ދެ މީހުން ވެސް ބުނީ މޭޑޭގެ ކަންތައްތަކާ ބެހޭ ގޮތުން އެ ދެ މީހުންނާ އެ ރޭ އަދީބު ވާހަކަ ދެއްކެވި ކަމަށާއި ކަންކަން ގޯސްވާ ނަމަ އެކަން އަންގަން އަދީބު އެދިވަޑައިގެންނެވި ކަމަށެވެ. ވާހަކަ ދައްކަވަން އިންނެވުމަށް ފަހު ކޮޓަރިން ދަބަހެއް އަދީބު ގެންނެވި ކަމަށާއި އެ ދަބަސް ހުޅުވުމަށް ފަހު އޭގެ ތެރޭގައި އޮތް ދެ ފިސްތޯލަ އަދީބު ދެއްކެވި ކަމަށް ވެސް އެ ދެ މީހުން ބުންޏެވެ.

މީގެ އިތުރުން ޓޭޕް އޮޅާފައި އޮތް ހަތަރެސްކަން އެއްޗެއް ވެސް އެ ދަބަސް ތެރެއިން ފެނުނު ކަމަށާއި އެއީ ކޮން އެއްޗެއްތޯ ސުވާލު ކުރުމުން އެއީ ގޮވާ އެއްޗެއް ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ދެ މީހުން ހެކިބަސް ދިނެވެ. އެ ދަބަސް ތެރެއިން ވަޒަން ފެނުނު ކަމަށް ދެވަނަ މީހާ ބުންޏަސް ފުރަތަމަ އަށް ހެކިބަސް ދިން މީހާ އެގޮތަކަށް ނުބުނެ އެވެ.

ދެ މީހުން ވެސް ބުނި ގޮތުގައި ކަޅު ކުލައަކަށް އޮތް ދެ ފިސްތޯލާގައި އެ މީހުން އަތް ވެސް ލި އެވެ. އެއީ ދަގަނޑުން ހަދާފައި އޮތް އެއްޗެއް ކަމަށާއި އެއީ އަސްލު ފިސްތޯލައެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.

އެއީ އަސްލު އެއްޗެއް ކަން އެނގެނީ ކިހިނެއްތޯ އަދީބުގެ ވަކީލުން ސުވާލު ކުރުމުން ފުރަތަމަ ހެކިވެރިޔާ ބުނީ ކެޑޭޓްގައި އުޅުނުއިރު އަސްލު ފިސްތޯލަ ކުރިން ވެސް ފެނިފައިވާ ކަމަށާއި އަދީބު ގެންގުޅުނީ އަސްލު އެއްޗެއް ކަމަށެވެ. އެ ސުވާލު ދެވަނަ ހެކިވެރިޔާއާ ކުރުމުން އޭނާ ބުނީ "ކުޅޭކުޅޭ އެއްޗެއް އަދީބު ނުގެންގުޅޭނެ" ކަމަށެވެ.

އެ ދެ މީހުން ބުނި ގޮތުގައި މޭޑޭގައި އިދިކޮޅު ފަރާތްތަކަށް ސަރުކާރަށް ގެއްލުމެއް ނުދެވޭނެ ކަމަށް ވެސް އެ މީހުން ގާތު އަދީބު ވިިދާޅުވި އެވެ. އަދި އަދީބު ފިިސްތޯލަ ދެއްކެވީ "ހާސް ނުވޭ، ތިމަންނަމެންނާ ހަމައަށް ނާދެވޭނެއޭ" ވިދާޅުވުމަށް ފަހު ކަމަށް ވެސް އެ މީހުން ބުންޏެވެ.

ފުލުހުންނަށް ކުރިން އެ މައްސަލަ ނޭންގީ ކީއްވެގެންތޯ ދިފާއީ ވަކީލުން ސުވާލުކުރުމުން ފުރަތަމަ ހެކިވެރިޔާ ބުނީ އެއީ އަދީބަކީ ދައުލަތުގެ އިސް ވެރިޔަކަށް ވުމުން އެ ހުއްދަ އޮންނާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. ދެ ވަނަ ހެކިވެރިޔާ ބުނީ އެއީ އަދީބުގެ ނަފްސުގެ ދިފާއުގައި ގެންގުޅުނު ހަތިޔާރެއް ކަމަށް އޭރު ގަބޫލުކުރެވުނީ ކަމަށެވެ.

މި ދެ މީހުންގެ އިތުރުން ވެސް އިތުރު މީހަކު ވަނީ މޭޑޭގެ ކުރިން މިދިޔަ އަހަރުގެ މާޗް މަހާއި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ހެކިބަސް ދީފަ އެވެ.

ހަތިޔާރާ ބެހޭ ތައުލީމް ރާއްޖެއިން ބޭރުގައި ހާސިލްކޮށްފައިވާ ކަމަށް ބުނެ ތިން ވަނަ ހެކިވެރިޔާ ބުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އަދީބު ދިރިއުޅުއްވި ގ. ގޮމަށިގޭގެ އެޕާޓްމެންޓްގައި އަދީބު އިންނެވި މޭޒެއް ކައިރީގައި އޮތް ދަބަހެއްގައި ފިސްތޯލައެއް އޮއްވާ ފެނުނު ކަމަށެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ގ. ރެހެންދި ފްލެޓްގައި އަދީބު އުޅުއްވި އެޕާޓްމެންޓުން ވެސް ފިސްތޯލައެއް ފެނުނު ކަމަށާއި އަދީބަށް ނޭނގި، އެ ފިސްތޯލައިގެ ފޮޓޯއެއް ވެސް ނެގި ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ތިން ވަނަ ހެކިވެރިޔާ ނެގި ކަމަށް ބުނާ ފޮޓޯ ވެސް ދައުލަތުން މިއަދު ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ. އެ ފޮޓޯ ދެއްކުމުން އަދީބުގެ ވަކީލުން ބުނީ އެއީ ފޯނަކުން ނެގި ފޮޓޯއެއް ކަމެއް ނުވަތަ ސޭވްކޮށްފައި ހުރި އެއްޗެއް ކަމެއް، ފޮޓޯ އާއި އޭގެ ތަހުލީލު ރިޕޯޓުުން ސާފުނުވާ ކަމަށެވެ.

އެކަމަށް ރައްދުދީ ދައުލަތުން ބުނީ އޭގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓު ވެސް އެބަ އޮތް ކަމަށާއި އެއީ ހެކިވެރިޔާގެ ފޯނުން ނެގި ފޮޓޯއެއް ކަން އެ ރިޕޯޓުން އިނގޭނެ ކަމަށެވެ.

ހަތިޔާރު ގެންގުޅުނު މައްސަލައިގެ އިތުރުން ވެސް ގިނަ ދައުވާތަކެއް އަދީބަށް ކުރެއެވެ. އެކަމަކު އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.