18 ޖުލައި 2020 - 08:23

އިންޑިއާގެ މާފިއާއާ ގުޅުން އޮންނަ ބޮޑެއް ކަމަށްވާ ވިކީ ގޮސްވާމީއާ ކައިވެނިކުރެވި ފަހުން ކުށުގެ ބޮޑެތި މައްސަލަތަކެއްގެ ތެރެއަށް ވެއްޓުނު ބޮލީވުޑްގެ ކުރީގެ ބަތަލާ މަމްތާ ކުލްކަރްނީގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 90ގެ އަހަރުތަކުގައި ވިދައިލި ބަތަލާގެ ވާހަކަ ކިޔައިދޭ ފިލްމު ހަދަން ނިންމާފައި ވަނީ "ވީރޭ ދީ ވެޑިން" އާއި "ދަބަންގް 3" ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި އެކްޓަރު ނިކިލް ދިވެދީ އެވެ.
ބައެއް ނޫސްތަކުން ބުނި ގޮތުގައި އޭނާ ވަނީ މަމްތާގެ ވާހަކަ ސްކްރީނަށް ގެނައުމަށްޓަކައި "ސްޓާޑަސްޓް އެފެއާ" ގެ ނަމުގައި އިންޑިއާގެ ލިޔުންތެރިޔާ ބިލާލް ސިއްދީގީ މަމްތާއާ ބެހޭ ގޮތުން 2017 ގައި ނެރުނު ފޮތުގެ ރައިޓްސް ވެސް ހޯދައިފަ އެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި ފިލްމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ އިރު، ހުރިހާ ކަމެއް ފައިނަލްވުމާ އެކު ނިކިލް ރަސްމީކޮށް ފިލްމު އިއުލާންކުރާނެ އެވެ.
ބޮލީވުޑަށް ނުކުތްމާ މާ ގިނަ ދުވަހެއް ނުވެ އެ އިންޑަސްޓްރީން ގެއްލުނު 48 އަހަރުގެ ބަތަލާ ފިލްމު ކުޅެން ފެށީ 1992 ގެ "ތިރަންގާ" އާ އެކީގަ އެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ވަގުތު ހަމާރާ ހޭ"، "އާޝިގް އާވާރާ"، "ކަރަން އަރުޖުން" އަދި "ބާޒީ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
މަމްތާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2003 ގެ "ކަބީ ތުމް، ކަބީ ހަމް" އެވެ.
ފިލްމީ ދާއިރާ ދޫކޮށްލުމަށް ފަހު މަމްތާ އިންޑިއާ އިން ބޭރުގައި އުޅޭތާ މިހާރު އެތައް އަހަރެއްވެއްޖެ އެވެ. އޭނާ އަކީ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައި އިންޑިއާގެ ފުލުހުން ހޯދާ ވެސް މީހެކެވެ.