މަރިޔަމް ނިޝާ އެނބުރި އަންނަނީ؟
މަރިޔަމް ނިޝާ އެނބުރި އަންނަނީ؟

ދިވެހި ފިލްމީ ޚަބަރެއް "މިހާރު" ގައި ލިޔެފި ނަމަ ކުރާ ކޮމެންޓްތަކުގެ ތެރޭގައި ކުރީގެ ބަތަލާ މަރިޔަމް ނިޝާގެ ވާހަކަ އަންނަލެއް ވަރަށް ގިނަ އެވެ. އޭނާގެ އެކްޓިންގެ މޮޅު ވާހަކަ އާއި ރީތި ވާހަކަ އާއި ގިނަ ބަޔަކު ނިޝާ މަތިން ހަނދާންވާ ވާހަކަ އެވެ. އޭނާ އަދިވެސް ބޮޑު ސްކްރީނުން ދެކިލަން ޝައުގުވެރިވާ ވާހަކަ އާއި ނިޝާގެ އިންޓަވިއުއެއް ކޮންމެވެސް ގޮތަކުން ގެނެސްދޭން އަބަދު ވެސް ކިޔުންތެރިން ފިލްމީ ޚަބަރުތަކަށް ކުރާ ކޮމެންޓްތަކުން ފާހަގަކުރެވެ އެވެ.

އުފާވެރި ޚަބަރަކީ މިއީ އެވެ؛ ނިޝާ އަލުން ފިލްމީ ދާއިރާ އިން އަލުން ފެނިދާނެ އެވެ. އެހެންވެ ސްކްރީނުން ނިޝާން ދެކިލަން އަބަދު އެދިއެދި ތިބި މީހުންނަށް މިއީ ވަރަށް ވެސް ހާއްސަ ވާހަކައަކަށް ވާނެ އެވެ. މި ވާހަކަ ކުއްލިއަކަށް މިއަދު ތިލަވީ މިހާރު ފިލްމު ކުޅުން ހުއްޓާލައިގެން ހުރި ބަތަލާ ނިއުމާ މުހައްމަދާއި ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) އާ އެކު ހުޅުމާލޭގައި ނަގާފައިވާ ފޮޓޯތަކެއް ފޭސްބުކަށް އައި ހިސާބުންނެވެ.

އެ ފޮޓޯތަކަށް ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ވެސް ކޮމެންޓްތައް ވަރަށް ގިނަ ދުވަސްތަކެއް ފަހުން ނިޝާ ފެނުމުން އެ މީހުންގެ ޝުއޫރުތައް ބަންޑުންކޮށްލާފައިވެ އެވެ.

"މިހާރު" ގެ ދަށުން ނެރޭ "ދޯ" އަށް ނިޝާ މިއަދު ވަނީ ވާހަކަ ދައްކައިފަ އެވެ. އަލުން އެކްޓިން އަށް އަންނަން އުޅޭ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފަ އެވެ. އެގޮތުން ޕްރޮޑިއުސަރު/ކޮމީޑިއަން މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ފޫގަޅައިގެން އުޅޭ އެއް ކަމަކީ ނިޝާ އެނބުރި ސްކްރީނަށް ގެނައުމުގެ މަސައްކަތެވެ.

އެކަމާ ބެހޭ ގޮތުން މުހައްމާ ބުނީ "ނިޝާ" ކިޔާ ފިލްމެއް ވެސް ހަދަން ހިތުލައިގެން އުޅޭ ކަމަށެވެ.

"ނިޝާއާ އެކު ފިލްމެއްގެ މަސައްކަތް ކުރެވޭތޯ މި އުޅެނީ. އެކަމަކު ނިޝާ އަދިވެސް އެއްބަސްނުވެގެން މިއުޅެނީ،" މުހައްމާ ބުންޏެވެ. "އެ ފިލްމަށް ކިޔަން ވެސް ގަސްތުކުރަނީ ނަމަކީ ހަމަ ނިޝާ ކަންކަން ފައިނަލްވިހާ އަވަހަކަށް އިތުރަށް ހާމަކުރާނަން."

މިކަމާ ބެހޭ ގޮތުން ނިޝާ ބުނަނީ މިހެންނެވެ؛ މުހައްމާ އޭނާގެ ފަހަތުން ހިނގަނީ އެވެ. އެ މަންޒަރު ސިފަކުރީ ރީކޯ މޫސާ މަނިކާ އެކު ނިޝާ ކުޅުނު މަޝްހޫރު ލަވަ "ދަނިހެ އައިސް ބަލާ" އާ އެވެ.

"މުހައްމާ ވަރަށް ގިނަ ދުވަސްވެއްޖެ މި ކަހަލަ ކަމެއް ކުރަން [ފިލްމެއް ކުޅެން] ކިޔާތާ. އެކަމަކު ހަމަ އަދިވެސް ވިސްނަމުން މިދަނީ. ވަކި ގޮތަކަށް އަދި ނުނިންމަން. ދެން ހިނގާ ބަލަމާ ވާގޮތެއް،" ނިޝާ ބުންޏެވެ. "މިހާރު ޑަމްޕަރު ލަވައިގައި [ދަނީހޭ އައިސްބަލާ] ވާގޮތަށް މި ވަނީ. މުހައްމާ ހަމަ ފަހަތުން އެ ދުވަނީ [ފިލްމެއް ކުޅެން އެބަސްވޭތޯ]. އެންމެފަހުން ހަމަ ލަވަ ނިމޭތަނުން ދެމީހުން ހީލާފައި އެ ދާ ގޮތަށް. އެއީތާ ފެށުމަކީ."

ނިޝާގެ މި ވާހަކައިން އާކޮށްދެނީ އުންމީދެކެވެ. ދެން އޮތީ އިންތިޒާރުކޮށްލައިގެންވާ ގޮތެއް ބަލަން މަޑުކޮށްލައިގެން ތިބުމެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފިލްމީ ދާއިރާ އިން މިހާތަނަށް ފެނުނު އެންމެ ރީތި އަދި އެކްޓިން އަށް އެންމެ މޮޅު ބަަތަލާ އަކީ ނިޝާ އެވެ. އޭނާ ވަނީ ރީތި އެތައް ފިލްމަކާއި ވީޑިއޯ ލަވަ އާއި ޑްރާމާތައް ވެސް ކުޅެފަ އެވެ.

"ހައްގު" ކުޅެގެން އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް 1996 ގައި ހޯދާފައިވާ ނިޝާ އެންމެ ފަހުން ކުޅުނު ފިލްމަކީ ފިލްމީ ދާއިރާއާ މިހާރު ދުރުގައި ހުރި ޑައިރެކްޓަރު އަބްދުލް ފައްތާހް 2011 ގައި ގެނެސްދިން ބިރުވެރި ފިލްމު "14 ވިލޭރޭ" އެވެ.

ނިޝާ ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ހިމޭން ދުނިޔެ" އާއި "ނާއުންމީދު" އާއި "ޒުލޭޙާ" އާއި "ސަނދުރަވިރޭ" އާއި "ގިނިހިލަ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.