16 ޖުލައި 2020 - 22:05

މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 68 މީހަކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ އަދަދު 2،899 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ނަތީޖާ ލިބުނު ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި ބަންގްލާދޭޝް ނުވަ މީހަކާއި އިންޑިއާ ހަތަރު މީހަކާއި ފިލިޕިންސް ތިން މީހަކާއި ސްރީ ލަންކާ ހަތަރު މީހަކާއި ނޭޕާލު މީހެކެވެ.
ކުރިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ވަނީ 19 މީހަކު ރަނގަޅު ވެސް ވެފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށި އިރު އެންމެ ގިނައިން ބަލި ޖެހުނީ ބިދޭސީންނަށް ކަމަށް ވިޔަސް ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ ލޮކްޑައުން އުވާލުމާ އެކު މިހާރު ގިނައިން ބަލި ޖެހެނީ ދިވެހިންނަށެވެ.
މިހާތަނަށް 1،207 ދިވެއްސަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. ބަންގްލާދޭޝްގެ 1،354 މީހަކަށް މި ބަލިި ޖެހިފައި ވާއިރު އިންޑިއާގެ 242 މީހަކާއި ސްރީ ލަންކާގެ 23 މީހަކާއި އެހެން ގައުމުތަކުގެ 73 މީހަކަށް ވެސް ރާއްޖޭގައި ވަނީ ކޮވިޑް-19 ޖެހިފަ އެވެ.
ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖޭން 15 ވަނަ މީހަކު މަރުވެފައިވެ އެވެ. އެއީ އައިޖީއެމްއެޗްގައި އެޑްމިޓްކުރި ކޮވިޑް-19 ގެ ބަލި މީހެއްގެ ފަރާތުން ބަލި ޖެހުނު 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ބަލިން ރަނގަޅުވި މީހުންނާއި ބަލީގައި މަރުވި މީހުން އަދި ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ފުރައިގެން ގޮސްފައިވާ 15 މީހުން ނުހިމަނައި ރާއްޖޭގައި މިހާރު ތިބި ކޮވިޑް-19 ގެ ބަލި މީހުންގެ އަދަދަކީ 530 އެވެ.