ލިވަޕޫލަށް މޮޅެއް، އާސެނަލް އެއް ވަނަ އަށް
ލިވަޕޫލަށް މޮޅެއް، އާސެނަލް އެއް ވަނަ އަށް

ލަންޑަން (އޮކްޓޯބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ބްރޮމް އަތުން 2-1 އިން ލިވަޕޫލް މޮޅުވިއިރު، މިޑްލްސްބަރާއާ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުވި އާސެނަލް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލިވަޕޫލަށް މޮޅެއް، އާސެނަލް އެއް ވަނަ އަށް
ލިވަޕޫލަށް މޮޅެއް، އާސެނަލް އެއް ވަނަ އަށް

އެއް ވަނައިގައި އޮތް އާސެނަލާއި ދެ ވަނަައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ ނުވަ މެޗުން 20 ޕޮއިންޓެވެ. އާސެނަލަށް ކުރި ލިބެނީ ލަނޑުގެ ތަަފާތުންނެވެ. އާސެނަލް ކުޅުނު މެޗު ކުރިން ނިމުނުއިރު، ވެސްޓް ބްރޮމް އަތުން ދެ ލަނޑުގެ ތަފާތުން މޮޅުވެގެން ލިވަޕޫލަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. ލީގުގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ މާދަމާރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ސައުތެމްޓަން އަތުން ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ލީގުގެ އެއް ވަނަ ލިބޭނެ އެވެ.

މިއަދު ބޯންމައުތާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަރުވެ ޓޮޓެންހަމް ވަނީ ލީގުގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ ނުވަ މެޗުން 19 ޕޮއިންޓެވެ.

އާސެނަލް ދަނޑުގައި މިރޭ ކުޅުނު މެޗުން އެ ޓީމު ބަލިނުވެ ސަލާމަތްކޮށްދިނީ އެ ޓީމުގެ ކީޕަރު ޕެޓަ ޗެކް އެވެ. މިޑްލްސްބަރާގެ އެޑަމާ ޓްރައޮރޭ އާއި ގަސްޓޮން ރަމިރޭޒް ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ޗެކް މަތަކުރި އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާގެ 67 ވަނަ އުފަން ދުވަހުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ އަލެކްސިސް ސަންޗޭޒް ވެސް ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފި އެވެ. އާސެނަލް ހުއްޓުވުމަށް މިޑްލްސްބަރާ ގޯލު ބަލަހައްޓަމުން އަންނަ ބާސެލޯނާގެ ކުރީގެ ގޯލްކީޕަރު ވިކްޓަ ވަލްޑޭޒް ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ވެސްޓް ބްރޮމް ކޮޅަށް ލިވަޕޫލްގެ ލަނޑުތައް ކާމިޔާބުކުރީ ފިލިޕޭ ކޯޓީނިއޯ އާއި ސަޑިއޯ މާނޭ އެވެ. މި މެޗުގައި ލިވަޕޫލަށް ލަނޑު ޖަހާނެ ގިނަ ފުރުސަތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޑޭޔާން ލޮވްރެން އާއި ރޮބާޓޯ ފިރްމީނޯ އަދި އެމްރޭ ޗާން އަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ ވެސްޓް ބްރޮމް ކީޕަރު ބެން ފޮސްޓާ އެވެ.

މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ބާންލީ ވަނީ 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ. ހަލް ސިޓީ އަތުން 2-0 އިން ސްޓޯކް ސިޓީ މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީން ވަނީ 3-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ސްވަންސީ އާއި ވަޓްފޯޑް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ވެސްޓް ހޭމް ވަނީ ފަހު ވަގުތު ވައްދާލި ލަނޑުން 1-0 އިން ސަންޑަލޭންޑް ބަލިކޮށްފަ އެވެ.